މީހުން ތިބާ އާއިމެދު ދޮގު ވާހަކަތައް ދައްކާނަމަ ކަންބޮޑުނުވެ މިވިސްނުމުން ވިސްނާލީމަ ތިބާއަކީ އަގުހުރި މީހަކުކަން ވިސްނި ކަންބޮޑުވުންތައް ފިލާނެ! އިން ޝާ ﷲ

އެއްވެސް މީހަކީ އެމީހަކާއިމެދު ދޮގު ވާހަކަތައް ދައްކަން އެދޭނެ މީހެއް ނޫނެވެ. ހަމައެގޮތަށް އެމީހެއްގެ ޒާތީ ދިރިއުޅުމާއިމެދު ވާހަކަ ދެއްކުމަކަށްވެސް ނުރުހޭނެއެވެ. އެހެނަސް އެންމެ ގިނަ ބައަކު ކުރާ އެއްކަމަކީ އެފަދަ ވާހަކަތައް ދެއްކުމެވެ. 
އެފަދަ ވާހަކަތައް ދައްކާ މީހުން ކުރާ ކަމަކީ އެމީހަކާއިމެދު އެހެން މީހުން ކުރާކަމެއްނަމަ އެކަން ކުރާބައަކު ދެކެ ރުޅިއަންނާނެއެވެ. އެކަން ކުށްވެރިވެސްކުރާނެއެވެ. މިހިސާބުން ސުވާލަކީ މީސްމީހުންގެ ވާހަކަ އެގޮތަށް ދައްކާއިރު ތިމާއާއިމެދު އެގޮތަށް ވާހަކަދެއްކީމާ އެމީހަކަށް ނަފްރަތުކުރެވޭ ކަމާއިމެދު ވިސްނައިނުލަނީ ކީއްވެގެން ހެއްޔެވެ؟ 
ދެން ބުނެލަން ބޭނުންވަނީ އެހެން މީހުންގެ ވާހަކަ ދައްކަމުން ހިނގާ މީހުންނަކީ ސައްތައިން ސައްތަ ފޭލްވެފައިވާ މީހުން ކަމެވެ. އެމީހުން އެހެން މީހުންގެ ވާހަކަ ދައްކަމުން ހިނގަނީ އެމީހުންގެ އަމިއްލަ ވާހަކަ ދެއްކީމާ އަޑުއަހާނެ ބައަކު ނުނާނެތީއެވެ. ތިމާގެ އަމިއްލަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތީމައެވެ. އަނެކާގެ ބުރަދަން ހުރީމައެވެ. 
ވާހަކަ ހިފައިގެން ހިނގާ މީހުން ދައްކާ ވާހަކަތަކަށްބަލާއިރު ވަރަށް މަދު މީހަކު ވަރަށް މަދުފަހަރަކު ނޫނީ ދައްކާނީ ކޮންމެވެސް މީހެއްގެ ނުބައިވާހަކައެވެ. އެހެން މީހުންނަށް ކުރެވޭ ކުސްތަކުގެ ވާހަކައެވެ.  ވީމާ އެމީހުން އެކުރާކަމަކީ އެމީހުން ކުރާ ހެޔޮ ޢަމަލުތައް ނަގާލައި ފާފަވެރިވަނީއެވެ. ތިމާއަށް ފާފަ އިތުރުކުރަމުން ހިނގަނީއެވެ. 
ވީމާ ތިބާއާއިމެދު އެފަދަ ވާހަކަތައް ދައްކަމުން ހިނގާނަމަ އެކަމުން ތިބާއަށް ކުރާނީ ފައިދާއެވެ. ކުޑަ ފައިދާއެއް ނޫނެވެ. ވަރަށް ބޮޑު ފައިދާއެކެވެ. އެކަމުގެ ޘަވާބުން އެމީހުންކުރާ ހެޔޮ ޢަމަލުތަކުގެ ތިބާއަށް ލިބޭނެއެވެ. ދޭނެ ހެޔޮ ޢަމަލެއް ނެތްނަމަ ތިބާއަށް ކުރެވޭ ފާފަތައް ބޮލުގައި އަޅަންޖެހޭނެއެވެ. މިއަށްވުރެ ބޮޑު ހެވަކީ ކޮބައިހެއްޔެވެ؟
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ