ހިޔާލު ހޯދުމުގެ ވޯޓުގެ ބިލުގެ ފަހަތުގައި އޮތީ ރިޔާސީ ދައުރު ދަންމާލުން: އެމްޑީޕީ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލުގެ ފަހަތުގައި އޮތީ ރިޔާސީ ދައުރު ދަންމާލުން: އެމްޑީޕީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ބޭނުން ވަރަކަށް އަވަސްކުރެވޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިހުތިޔާރު ދީ މަޖިލީހުން މިއަދު ފާސްކުރި ބިލުގެ ފަހަތުގައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
ސަރުކާރުން ހުށަހެޅި ބިލަށް ބައެއް އިސްލާހުތަައް ގެނެސް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެ ބިލަށް ނެގި ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބައިވެރިވެފައި ނުވެ އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ދެ ޖަލްސާގެ ތެރެއިން ހެދުނުގެ ޖަލްސާގައި ނެގި ވޯޓު ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓު ދިނީ ބިލު ފާސްކުރުމަށެވެ. ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ.
ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމަކަށް ވި ނަމަވެސް މި ބިލުެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަންކަމާ މެދު ކަންބޮޑުވާ ކަމަށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.
"ކުރަން މިހާރު ރާވާ ކަމަކީ، ހިޔާލު ހޯދުމުގެ މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ރައްޔިތުންގެ ބާރު ހަނިކުރުމެވެ. މީގެ ބޭނުމަކީ، ރައްޔިތުންގެ ފަރާތުން ކަމަށް ބުނެ، ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުން ގެންދިއުމެވެ. މިގޮތުން، ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުމަކީ، މިކަމުގެ އަޑީގައި ފޮރުވިފައިވާ ކަމެއްކަން ފާހަގަކުރަން،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.
މިހާރު ވެސް ނިޒާމުތައް އޮތްގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަ ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. މިއަދު ފާސްކުރި ބިލާ ގުޅޭގޮތުން ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މިހާރު ކަނޑައަޅައިފައިވާ މުއްދަތުތަކަކީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރި ކުރުމަށާއި އަދި ކެމްޕޭން ކުރުމަށް، އެކަށީގެންވާ މުއްދަތުތަކެއް ނޫންކަން ފާހަގަކުރަން. އެކަށީގެންވާ މުއްދަތު ނުދިނުމަކީ، އަވަސް އަރުވައިލައިގެން ސަރުކާރުން ކުރަން ބޭނުންވާ ބައެއް ކަންކަން ކުރުމަށް ކޮށައިފައިވާ މަގެއް. އެ ކަމުގެ ސަބަބުން، މުޅި ޕްރޮސެސްގެ ހާމަކަމާއި އިތުބާރު ގެއްލިގެންދޭ،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސް މުހައްމަދު މުއިއްޒުއަށް ދީފައިވާތީ މިފަދަ ހިޔާލު ހޯދުމުގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ.
"މި ބިލުގެ ބޭނުމަކީ، ކޮންމެހެން ރައްޔިތުންގެ ހިޔާލު ހޯދުން ނޫންކަމާއި، އަދި ސަރުކާރުން ބޭނުންވާ ކަންކަން ވަކި ގޮތަކަށް ނިންމުންކަން ސާފުކޮށް އެނގޭ. ނަތީޖާއަކީ، ގައުމީ މުހިންމު ކަންކަމުގައި، ރައްޔިތުންގެ ބަސް އިއްވުމަށް އޮތް ފުރުސަތު ހަނިވޭ،" އެމްޑީޕީން ބުނެފައި ވެ އެވެ.
މަޖިލީހުން ބިލު ފާސްކުރީ ގެ ކޮމިޓީގައި ބިލަށް ބައެއް އިސްލާހުތައް ގެނައުމަށްފަހު އެވެ. ބިލަށް ބަދަލު ގެންނަން ހުށަހަޅާ ތާއީދު ކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.
އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހުރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް އޮތް އޮތުން ވަނީ ބަދަލުކޮށްފަ އެވެ. ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިހުތިޔާރު އީސީ އަށް އޮންނާނެ ގޮތަށެވެ.
މީގެ އިތުރުން، މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތަ އަށްވުރެ އިތުރަށް ވޯޓު ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް ކޮމިޓީން ވަނީ އިތުރުކޮށްފަ އެވެ.
އަދި، ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ އެއް ބިލަށް ވަނީ އިތުރުކޮށްފަ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސްޕޮންސާކޮށްގެން ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ