އައްޑޫ ހައި ސްކޫލްގެ މެނޭޖްމެންޓް ވަނީ ފެއިލްވެފައި

އައްޑޫ ހައި ސްކޫލްގެ ދަރިވަރުން ބެލެހެއްޓުމުގައި އެ ސްކޫލްގެ މެނޭޖްމެންޓް ފެއިލްވެފައިވާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.
އައްޑޫ ހައި ސްކޫލްގައި ދަރިވަރަކާއި ޓީޗަރަކާ ދެމެދު މިދިޔަ ހަފްތާގައި މާރާމާރީއެއް ހިންގާފައިވާއިރު، އެ މައްސަލައިގައި ޓީޗަރާއި ދަރިވަރު ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ދުވަހުގެ އެ ހާދިސާ ހިނގަން މެދުވެރިިވި މައިގަނޑު ސަބަބަކީ ފޯނު މެދުވެރިކޮށް ކްލާސް ސްކްރީނަށް އަޅުވާފައިވާ ބޭއަދަބީ މަންޒަރަކާއި ގުޅިގެން ޓީޗަރު ފޯނު ހޯދަން އުޅުމުން ކަމަށެވެ. އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ދަރިވަރުންގެ ހައްގުވެސް އޮންނާނެ ކަމަށާއި އަދި ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
އަދި ދިމާވާ މިފަދަ މައްސަލަތައް ރަނގަޅަށް ނުބެލުމުގެ ސަބަބުން ޓީޗަރަށް އަދަބު ދެވިފައިވާ ކަމަށާއި މިފަދަ ސަބަބުތަކާ ހެދި، ތައުލީމީ ދާއިރާއަށް ލޯބިކުރާ އެތައް ޓީޗަރުންނެއް ދާއިރާ ދެކެ ފޫހިވެ، ދާއިރާ ދޫކޮށް، ދިޔުމުގެ ސަބަބުން އެތައް ކުދިންނެއްގެ ކިޔެވުމަށް އޭގެ އަސަރުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
ޓީޗާސް އެސޯސިއޭޝަނުން ބުނީ އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫކުރުމާ، ހަނގާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށާއި މިއީ އެ ސްކޫލުގައި އާންމު ކަމެއް ކަމަށެވެ. އަދި ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާހިރު ނަތީޖާއަކަށް މިވީ، ޓީޗަރަކު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތަކުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިބި ސޯޝަލް މީޑިއާގައި ފަޟީހަތްވުން ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ ސްކޫލުގައި ހިނގާފައިވާ މިފަދަ ކަންތައްތަކަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައިވާކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދަރިވަރަށް ކްލާސްތެރެއަށް ފޯނު ގެންދިއުމަށް ހުއްދަ ދެވިފައި އޮތް އޮތުން ކަމަށެވެ. ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ދަރިވަރުން ފޯނު ގެންދާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ރާއްޖޭގައި ވެސް ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދަން ހުއްދަދޭނަމަ، އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށެވެ.
"އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއާ ގުޅިގެން މި އެސޯސިއޭޝަނުން ބެލި ބެލުމުން ފާހަގަވި އެންމެ މުހިންމު ކަމަކީ އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން. މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއްނޫން،" އެ އެސޯސިއޭޝަނުން އިތުރަށް ބުންޏެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޓީޗަރަށް ދަރިވަރު އުނދަގޫކުރި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ވެސް ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ