ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ހުއްޓުވަން އޮސްޓްރޭލިއާގެ އެހީ ހޯދަނީ

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު, ރާއްޖެއަށް ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން އިތުރުވެފައިވާއިރު, އެކަން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް ދިވެހި ފުލުހުންނާއި އޮސްޓްރޭލިއާ ފުލުހުންނާ ދެމެދު މަޝްވަރާކޮށްފިއެވެ. ރާއްޖޭގައި ވޭޕް މަނާކޮށް, ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު, ވަގަށް ސިނގިރޭޓް އެތެރެ ކުރުން ވަނީ ވަރަށް އާއްމުވެފައެވެ. އޭގެ ސަބަބުން ސިނގިރޭޓް ޑިއުޓީގެ ގޮތުގައި ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ވެސް ވަނީ މަދުވެފައެވެ. ވަގަށް ސިނގިރޭޓް އެތެރެކުރާކަމުގެ ތުހުމަތު ރާއްޖޭގެ ވަރަށް ބޮޑެތި, އަމިއްލަ ކުންފުނިތަކަށް ވެސް ކުރެވެއެވެ. އަދި، ވަގަށް އެތެރެ ކުރި ސިނގިރޭޓް ދެ ކޮންޓެއިނާއެއް ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގިކަމުގެ ތުހުމަތުގައި, ވަރަށް މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ, އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. https://www.sun.mv/213511 ފުލުހުން އިއްޔެ ބުނީ, މޮރޮކޯ މަރަކޭޝްގައި މިހާރު ކުރިއައްދާ 93 ވަނަ އިންޓަޕޯލް ޖެނެރަލް އެސެމްބްލީގެ ތެރެއިން, ރާއްޖޭގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް (އޭއެފްޕީ)ގެ ކޮމިޝަނަރު ކްރިސީ ބެރެޓްއާ ބައްދަލު ކުރައްވާފައި ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި އެ ގައުމުން ދިވެހި ފުލުހުންނަށް މިހާތަނަށް ވެދިން އެހީތެރިކަން ފާހަގަކުރެއްވުމުގެ އިތުރުން, ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ހުރި ގިނަ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ފައިނޭންޝިއަލް އެނަލިސިސް، ބޮޑެތި ކުށްތައް މެނޭޖުކުރުމާއި، ސައިބާ ކުށްތައް ތަހުގީގުކުރުމާއި، ސަރަހައްދަށް އަމާޒުކޮށްގެން ހިންގާ ސްކޭމް ސިންޑިކޭޓްތައް ނައްތާލުމުގެ މަސައްކަތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ބޯޑަރުތައް ހުރަސްކޮށް ހަރަކާތްތެރިވާ ކުށްވެރި ޖަމާއަތްތަކުން ރާއްޖެއަށް ގަވާއިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ބައްދަލުކުރެއްވުމުގައި، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ނަވީންއެވެ. އަދި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ކްރިސީ ބެރެޓްއެވެ. ނަވީން ވަނީ ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސަރަހައްދަށް ކުރިމަތިވަމުން އަންނަ ކުށްތަކުގެ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް ގުޅިގެން މަސައްކަތްކުރުމުގައި އޭއެފްޕީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ