ރައްޔިތުންނާ އެކު ރައީސް މުހައްމަދު މުއިއްޒު މިހާރު ބާއްވަމުން ގެންދަވާ ބައްދަލުވުންތަކުގައި އާންމުން ކުރަން ބޭނުންވާ ސުވާލުތައް، ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން ދުރާލާ ހޯއްދަވާކަމުގެ ޝަކުވާއާ އެކު، އެކަން އެގޮތަށް ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސްއާ ކުރަން ބޭނުންވާ ސުވާލު އެއްވެސް މީހަކު ބުނެގެން ދުރާލާ ހިއްސާކުރަން ނުޖެހޭނެ ކަމަށް ހީނާ ވިދާޅުވެފައި މިވަނީ، އެގޮތަށް އެކަންތައްކުރައްވާތީ، އެކަން ނުކުރައްވަން ޕީއެންސީގެ މެންބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންފައިވާ ކަމަށް ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓުކޮށްފައިވަނިކޮށެވެ.
މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި އެގޮތަށް އެދިވަޑައިގެން ރައީސް މެސެޖެއް ފޮނުއްވީ، އާންމުންނާ އެކު ބާއްވާ ބައްދަލުވުމުގައި ކުރަން ބޭނުންވާ ސުވާލު ފޮނުވައިދޭން މަޖިލީހުގެ މެމްބަރަކު، އެ ދާއިރާގެ ގްރޫޕަކަށް މެސެޖު ކުރެއްވިކަން އެނގިވަޑައިގަތުމުން ކަމަށް، ޕީއެންސީ މެންބަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - ހީނާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ އެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށައަޅަން ޖެހޭ ކަމަށް ބައެއް މީހުން ބުންޏަސް، އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ބޭއްވި މިފަދަ ބައްދަލުވުންތަކުގައި، ހިޔާލާއި ރައްޔިތުން ކަންބޮޑުވާ ކަންކަމާ ބެހޭ ގޮތުން މިނިވަންކަމާ އެކު އެމީހަކު ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ރައީސް ދެއްވި އެވެ. އެހެންކަމުން އެއްވެސް މީހަކު ބުނެގެން ކުރިއަށް އޮތް ތަނުގައި ވެސް ސުވާލުތައް ނުވަތަ ހިޔާލުތައް އެއްވެސް މީހަކާ ކުރިން ހިއްސާކުރަން ނުޖެހޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.
"ކުރިއަށް ހުރި ބައްދަލުވުންތަކުގައި ވެސް އަމަލުކުރައްވާނީ އެ އުސޫލުންނެވެ. އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ،" ހީނާ ވިދާޅުވި އެވެ.
އާންމުން ރައީސްއާ ކުރަން ބޭނުންވާ ސުވާލު ދުރާލާ އެއްވެސް މީހަކާ ހިއްސާކުރާކަށް ނުޖެހޭނެ: ހީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ