ލަންކާގެ ތޫފާން ދަނީ ރާއްޖެއާ ދުރަށް؛ ފެށޭ ހަފްތާގައި މޫސުން ރަނގަޅުވާނެ: މެޓް

ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށާއި އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން، މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން 'ޑިޓުވާ'ގައި ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 40އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 21 މީހަކު ގެއްލިފައިވާއިރު، 10 މީހަކަށް އަނިޔާވެފައިވެ އެވެ.
މި ތޫފާންގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް ލަފާކޮށް، މެޓުން އިއްޔެ ވަނީ ވައިޓް އެލާޓު ވެސް ނެރެފަ އެވެ.
ބުނީ ކީކޭ؟ - މެޓު އޮފީހުން މިއަދު ބުނިގޮތުގައި މި ތުފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ލަންކާގެ އުތުރު އައްސޭރިފަށުގަ އެވެ. 
"މި ތޫފާން ދަތުރު ކުރަމުން ދަނީ އިންޑިއާގެ ޓަމިލްނާޑޫ އާއި ފުޑޫޗެރީ އަދި އަންދްރަ ޕްރެދޭޝްގެ ދެކުނު އައްސޭރި ފަށާ ދިމާއަށް ރާއްޖެއާ ދުރަށް،" މެޓުން ބުންޏެވެ.
މެޓުން ބުނިގޮތުގައި:
މި ތޫފާނާ ގުޅިގެން ކުރި ވައިޓް އެލާޓު ނެރެވިފައިވަނީ މެޓު އޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުން
މި ތޫފާނާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ
އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ
ރާއްޖެއަށް މޫސުން ގޯސްވެފައިވާތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ. 
މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމަޔަށް ރާއްޖޭގެ މޫސުން މެޓުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ އެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ. 
އޭގެ އިތުރުން:
މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ
އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ