ދިރިއުޅުމާއިމެދު ޢިލްމްވެރިން ވިދާޅުވެފައި ހުންނަ ބަސްފުޅުތައް ކިޔަނީ ނުވަތަ އަޑުއަހަނީވެސް މަދުމީހެކެވެ. ހުރިހާ ކަމެއްވެސް ތިމާއަށް އެންމެ މޮޅަށް އެނގޭނެ ކަމަށް ޤަބޫލުކުރެވޭ ކަހަލައެވެ. ނަމަވެސް އެއީ ނުވާނެ ކަމެވެ. ދިރިއުޅުން ކާމިޔާބުކޮށްފައިވާ މީހުންނަށް ބަލާށެވެ! އެމީހުންނަކީ ދިރިއުޅުމާއިމެދު އަބަދުވެސް ކަންކަން ދަސްކޮށް ޢަމަލުކުރި މީހުންނެވެ.
ދިރިއުޅުމާއިމެދު ޢިލްމްވެރިން ފާހަގަކުރައްވާ ބައެއްކަންކަން ހާމަކޮށްލާނަމެވެ. މިކަންކަމަކީ ކޮންމެ މީހަކަށްވެސް އެނގެންޖެހޭނެ އަދި ޢަމަލުކުރަންވެސް ޖެހޭނެ ކަންތައްތައް ކަމަށްވާތީއެވެ. ޢަމަލުކުރުމުން ފައިދާކުރާނެ ކަންތައްތައް ކަމަށްވާތީއެވެ.
އެމީހަކު ކުރަން އުޅޭ ކަމެއް ޙާޞިލް ނުކުރެވޭ އިރަށް ކަންބޮޑުވާ ބައަކު އުޅެއެވެ. އަދި މުޞީބާތެއް ޖެހިއްޖެ ނަމަ އެކަމެއް ތިމާއާއިއެކު އަބަދަށް ދެމިގެންވާނެ ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. މިއީ މީސްތަކުންނަށް ހެދޭ އެންމެ ބޮޑު އެއް ގޯހެވެ.
ތިމާ ދިރިހުރިހާ ހިނދަކު ތިމާއާއިއެކުގައި ވާނެ ހަމައެކަނި އެއްޗަކީ އެމީހާގެ ފުރާނައެވެ. އެހެން ކޮންމެ އެއްޗަކީވެސް ގެއްލިގެން ހިނގައިދާނެ އެއްޗެކެވެ. އެހެނީ ބައެއް ޙާލަތްތަކުގައި މީހާގެ ބައެއް ގުނަވަންތައްވެސް އެމީހަކާއި ވަކިވެގެންދެއެވެ. ނުވަތަ ވަކިކުރެވެއެވެ.
އެފަދަ ޙާލަތު މެދުވެރިވަނީ ޖެހޭ ބައްޔެއްގެ ސަބަބުން ނުވަތަ ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބައެއް ޙާލަތްތަކުގައި ގުނަވަން ބަދަލުކުރަންވެސް ޖެހެއެވެ. މިފަދަ ކޮންމެ ކަމަކީވެސް ވިސްނައިފިނަމަ އެމީހަކަށްހުރި އަގުހުރި ފިލާވަޅެކެވެ. އެފިލާވަޅަކީ ކުރިން މިބުނި ފަދައިން ފުރާނަ ފިޔަވައި ކޮންމެ އެއްޗަކީ ތިމާ ދިރިހުއްޓައި ތިމާ އާއި ވަކިވެދާނެ އެއްޗެއްކަމެވެ. ވީމާ އެއްވެސް މުޞީބާތަކީވެސް ދާއިމަސް ތިމާއާއިއެކުގައި ވާނެ އެއްޗެއް ކަމަށް ޤަބޫލުކުރުމެއް ނެތެވެ.
ދެން އޮތީ ތިމާއަށް މިވެނި މީހަކާނުލައި ދުނިޔޭގައި ނުއުޅެވޭނެ ކަމަށް ޤަބޫލުކުރުމެވެ. މިއީ އަނެއްކާވެސް ހަމަ އެހައި ނުބައި ވިސްނުމެކެވެ. އެއްވެސް މީހަކު ދުނިޔެއަށް ފޮނުއްވަވާފައިވަނީ ވަކިމީހަކާއިއެކު ދިރިއުޅުމަކަށް ނޫނެވެ. ވީމާ ބައިވެރިޔާ ބަދަލުވުމަކީ ނުވަތަ ބަދަލުކުރަން ޖެހުމަކީ ތިމާއަށް ދިރިނުއުޅެވޭނެ ސަބަބެއް ކަމަށް ބަލައިގެން ނުވާނެއެވެ.
ދެންވެސް އޮތީ ހަމަ އެފަދަ ކަމެކެވެ. ހިތް ނުއެދޭ ޙާލަތެއް ކުރިމަތިވުމުން އެކަން ކުރިމަތިވީ ތިމާގެ ނާޤާބިލްކަމުން ނުވަތަ ސިފަ ހުތުރުކަމުން ނުވަތަ މުސްކުޅި ސިފަ ޖަހާތީ ކަމަށް އެބަ ޤަބޫލުކުރެއެވެ. މިއީވެސް ހަމަ އެހައި ނުބައިކަންބޮޑު ވިސްނުމެކެވެ.
ތިބާގެ ފަރާތުން ކުރިމަތިވި ކަމަކަށްވާނީ ތިބާއަށް ކުރެވުނު ކުށެއްގެ ސަބަބުން މެދުވެރިވި ކަމެއް ނަމައެވެ. މިޘާލަކަށް މާބާރަށް ދުއްވަނިކޮށް އެކްސިޑެންޓް ވެއްޖެނަމަ އެއީ ބާރަށް ދުއްވި މީހާގެ މައްސަލައެކެވެ. ޤަވާއިދުން ދުއްވަނިކޮށް އެކްސިޑެންޓް ވެއްޖެނަމަ އެކަމުގައި ޤަވާއިދުން ދުއްވި މީހާގެ އެއްވެސް ކުށެއް ނެތެވެ.
ބަލިވުމުން، ޢުމުރުން ދުވަސްވުމުން ފަދަ ސަބަބުތައް މެދުވެރިވެގެން ސިފައަށް ބަދަލު އައުމަކީ ނުވަތަ ކުރިން ހުރި ބާރު ގައިގައި ނެތުމަކީ އެމީހަކު އަމިއްލައަށް ކުރާ ކަންކަމެއް ނޫނެވެ. ވީމާ އެޙާލަތުގައި ކައިވެނި ރޫލުން ފަދަ ކަމެއް މެދުވެރިވިނަމަވެސް އެއީ ތިމާގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ބަލައިގެން ނުވާނެއެވެ.
- އަލަފް / މިއަދުނޫސް
އެއްވެސް މީހަކާ ނުލާ ނުއުޅެވޭނެ މީހެއް ނޫން! އެއްވެސް ޙާލަތަކީ އަބަދަށް ދެމިގެންދާނެ ކަމެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ