އީރާނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީ ޗައިނާއިން ކަމަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިއްޔެ ތުހުމަތުކުރައްވައިފި އެވެ. އަދި ގަލްފު ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބަންދުވެފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އޭނާ ޗައިނާއަށް ގޮވާލެއްވި އެވެ.
ބެސެންޓް ވިދާޅުވީ، އީރާނަކީ ދުނިޔޭގައި ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމު ކަމަށާއި އެ ގައުމުގެ ހަކަތައިގެ %90 ޗައިނާއިން ގަންނާތީ، އީރާނުގެ އެ އަމަލުތަކަށް ހަރަދުކުރަނީ ޗައިނާ ކަމަށެވެ.
ޗައިނާއަށް ފާޑުވިދާޅުވި ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް ވޮޝިންޓަނުން ކުރިއަށްގެންދާ ހަރަކާތުގައި ބައިވެރިވުމަށް އޭނާ ބެއިޖިންއަށް ދައުވަތު އެރުވި އެވެ.
"އީރާނުގެ ހަމަލާތަކާ ގުޅިގެން ކަނޑުއޮޅި ވަނީ ބަންދުވެފައި. އަޅުގަނޑުމެން މިދަނީ އެ ތަން ހުޅުވުމުގެ މަސައްކަތް ކުރަމުން. އެހެންކަމުން، ޗައިނާއިން ވެސް މިކަމުގައި ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް 'ޕްރޮޖެކްޓް ފްރީޑަމް'ގެ ނަމުގައި ހަރަކާތެއް އިއުލާނުކުރައްވާފަ އެވެ. އަދި އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އެބައޮތް ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން އެކަން ދޮގުކުރެ އެވެ.
މީގެ އިތުރުން، އީރާނާ އެކު އޮތް ގުޅުމުގެ ބޭނުން ހިފައިގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ޗައިނާއަށް ބެސެންޓް ބާރުއެޅުއްވި އެވެ.
"ޗައިނާގެ ޑިޕްލޮމެޓިކް ނުފޫޒު ބޭނުންކޮށްގެން، އީރާނު މެދުވެރިކޮށް އެ ކަނޑުއޮޅި ހުޅުވުމަށް މަސައްކަތްކުރާ މަންޒަރު ދެކެން އަޅުގަނޑުމެން ބޭނުން،" އޭނާ ވިދާޅުވި އެވެ.
މި ވާހަކަތައް އައިސްފައި މިވަނީ، އަންނަ ހަފުތާގައި ބެއިޖިންގައި ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. މިއީ އީރާނުގެ މައްސަލަ އާއި ދުނިޔޭގެ ސިޔާސީ މަސްރަހުގައި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެކެވެ.
ނަމަވެސް، އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިގެން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާއިން ވަނީ އިންކާރުކޮށްފަ އެވެ. އަދި އެއް ފަރާތުން އަޅާ ގައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅު ހަދާނެ ކަމަށާއި ޗައިނާގެ ކުންފުނިތަކުގެ ހައްގުތައް ހިމާޔަތްކުރާނެ ކަމަށް ބެއިޖިންއިން ބުނެފައިވެ އެވެ.
އީރާނަށް މާލީ އެހީ ދެނީ ޗައިނާއިން؛ ހޮރްމޫޒް ހުޅުވަން އެހީވެދީ: އެމެރިކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ