އަހަރެއް ތެރޭ 300 މައްސަލަ ނިންމައި އެންމެ ޓްރެކް ރެކޯޑު ރަނގަޅު ގާޒީއަކަށް އަލީ ނަދީމް

މިދިޔަ އަހަރު 300 އަށް ވުރެ ގިނަ މައްސަލަ ނިންމައި ކްރިމިނަލް ކޯޓުގެ އެންމެ ޓްރެކް ރެކޯޑް ރަނގަޅު ގާޒީއަކީ، އަލީ ނަދީމް ކަމަށް ތަފާސްހިސާބުތައް ދައްކައިފި އެވެ. 
ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގާޒީ އަލީ ނަދީމް ވަނީ އެއް އަހަރު ތެރޭ 302 މައްސަލަ ނިންމައިފަ އެވެ. މިއީ އެހެން ގާޒީންގެ މަސައްކަތާ އަޅާބަލާއިރު ނިސްބަތުން މައްސަލަތައް ނިންމި އަދަދު ވަރަށް ބޮޑަށް ވެސް އިތުރު އަދަދެކެވެ.
އެންމެ މަދުން މައްސަލަ ނިންމީ މި ފަހުން ގާޒީ ކަމުން ވަކިކުރި ހުސެއިން ފާއިޒު ރަޝީދެވެ. އެއީ 56 މައްސަލަ އެވެ. 
އެހެން ގާޒީން އެވްރެޖްކޮށް 113 މައްސަލަ ނިންމާފައިވެ އެވެ. 
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ބަލާއިރު 2025 އިން ފެށުނުއިރު 29 މީހުންގެ މައްސަލަ ގާޒީ އަލީ ނަދީމްގެ އަތުގައި އޮތެވެ. އަހަރު ނިމުނުއިރު ނުނިމި ވަނީ އެންމެ ދެ މައްސަލަ އެވެ. މިއީ، މިފަދަ މައްސަލަތަކުގެ ވެސް އެންމެ ރަނގަޅު ރެކޯޑެވެ. 
ތަފާސްހިސާބުތައް ދައްކާ ގޮތުން ގާޒީ އަލީ ނަދީމަށް މިދިޔަ އަހަރު ހަވާލުކުރީ ޖުމްލަ 110 މައްސަލަ އެވެ. އަހަރު ނިމުނުއިރު ނުނިމި އޮތީ 126 މައްސަލަ އެވެ. 
ގާޒީ އަލީ ނަދީމަކީ 2021 ވަނަ އަހަރު ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ކުރިން ޕަބްލިކް ޕްރޮސިކިއުޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، ފަހުން ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް ނަދީމް މަސައްކަތް ކުރެއްވި އެވެ. 
ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޯޓަށް 1،062 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އެވެ. މިދިޔަ އަހަރު ޖުމްލަ 1،380 މައްސަލައެއް ނިންމާފައިވެ އެވެ. އޭގެ ކުރިން 2024 އަހަރު ނިންމާފައިވަނީ 649 މައްސަލަ އެވެ. 
އާ އިމާރާތަށް ބަދަލުވުމުގެ ކުރިން 2025 ވަނަ އަހަރު އެވަރެޖްކޮށް މަހަކަށް ނިންމާފައިވާ މައްސަލައިގެ އަދަދަކީ 72 އެކެވެ. އާ އިމާރާތަށް ބަދަލުވުމަށް ފަހު އެވްރެޖުކޮށް މަހެއްގެ މައްޗަށް 175 މައްސަލަ ނިންމާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. 
ކްރިމިނަލް ކޯޓުން ބުނީ އެ ރޭޓުން މަސައްކަތް ކުރިއަށްދާ ނަމަ، މި އަހަރު ނިމޭއިރު ދެހާހަށް ވުރެ ގިނަ މައްސަ ނިމޭނެ ކަމަށެވެ. 
މި އަހަރަކީ ކޯޓުގެ މަސައްކަތުގެ ދުވެލި ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހާ ބާރުމިނުގައި ހުންނާނެ އަހަރެއް ކަމަށް ބެލެވޭއިރު ބެކްލޮގުގައި ހުރި މައްސަލަތައް މި އަހަރު ތެރޭގައި ނިންމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ