ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިމަހުގެ 9 އިން 13ވަނަ ދުވަހާ ހަމައަށް، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށް ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ، މިއާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށެވެ.
ކުރިއަށް އޮތް 5 ދުވަހުވެސް އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ، އެކި ސަރަހައްދުތަކަށް ސަމާލު ނެރެމުންނެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދުވެސް ވަނީ، ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ، މިރޭ 7:00 އިން މެންދަމު 1:00އަށެވެ.
ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ