އިއުލާނު ނުކޮށް ވަޒީފާއަށް ނުނެގުމަށާއި މެރިޓަށް ބަލައިގެން ނޫނީ ޕްރޮމޯޝަން ނުދޭން ރައީސް އަންގަވައިފި

އިއުލާނުކޮށްގެން ނޫނީ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުން މީހުން ވަޒީފާއަށް ނުނެގުމަށާއި ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުމުގައި މެރިޓަށް ބަލަން ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ރައީސް މިހެން ވިދާޅުވީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ. 
"ވަޒީފާ އާއި ޕްރޮމޯޝަނަކީ ވަކި މީހަކު ކައިރީ ބުނެގެން ލިބޭ އެއްޗަކަށް ވެގެން ނުވާނެ" ކަމަށް ރައީސް މެސެޖުގައި ވިދާޅުވެފައިވެ އެވެ. 
ކުރިއަށް އޮތް ތަނުގައި ވަޒީފާ އާއި ޕްރޮމޯޝަން ލިބެން ވާނީ އެ މީހެއްގެ މެރިޓަށް ބަލާފައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. 
"އިއުލާނު ނުކޮށް އެއްވެސް މީހަކު ވަޒީފާއަށް ނުނެގުމަށާއި އިއުލާނުކޮށްގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެރިޓް ބޭސިސް އިން ނޫން ގޮތަކަށް ވަޒީފާ ދިނުމާއި ޕްރޮމޯޝަން ނުދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް ދަންނަވާނަން،" ރައީސްގެ މެސެޖުގައި ލިޔުއްވި ކަމަށް އެނގިފައިވެ އެވެ. 
ރައީސް މިހެން ވިދާޅުވެފައި ވާއިރު މިދިޔަ އޭޕްރީލް މަހުގެ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ ހިންގުމަށް ގެންނަވަން ފެއްޓެވި ބަދަލުތަކުގެ ތެރޭގައި ވަނީ ކުންފުނިތަކުން މީހުން މަދުކުރުމާއި ބައެއް މަގާމުތަކަށް ތައުލީމީ ވަކި ފެންވަރެއްގެ މީހުން ނޫނީ އައްޔަން ނުކުރުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ. އަދި ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ދިނުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަން އިންތިހާބުގެ ނަތީޖާއިން ހާމަވާ ކަމަށާއި އެކަން ދެން ނުކުރައްވާނެ ކަމަށް ރައީސް ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ.
އެ ޕްރެސް ކޮންފަރެންސްގައި ރައީސް ވަނީ ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ވިޔަސް އެއްވެސް މީހަކަށް ވަޒީފާ ދިނުން ހުއްޓާލަން ވެއްޖެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
 "އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނީ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މި އޮތީ ބުނެފައި. އެހެންވީމާ އަޅުގަނޑު ވެސް ދަނީ އެގޮތަށް ދެން،" 
"ދެންމެ މި ދެންނެވިހެން އިއުލާން ކުރެވިގެން ކުރިމަތިލައިގެން، މީހާގެ ސީވީއަށް ބަލައިގެން މެރިޓް ބޭސްޑްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.   
އެ ދުވަހު ރައީސް ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފައިވާ ނަމަ، އެ ވަޒީފާއެއް ދިން މީހަކު ވަޒީފާއިން ވަކިކުރަން ވެސް މިހާރު އިދާރާތަކަށް ވާނީ އަންގަވައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށް، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިހާރު ވަނީ އަންގައިފަ އެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގައި 42،000 މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ