އަމިއްލަ ހިއްސާ އޮންނަ އަދި އާއިލީ އެއްވެސް މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހޯމް މިނިސްޓްރީގެ އެއްވެސް ބިޑެއް އެވޯޑް ކޮށްފައި ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި، ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއާއި ގުޅޭ ގޮތުން އޭސީސީން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކީ ކުރީގެ ސަރުކާރުން ވެސް އޭސީސީއަށް ހުށަހަޅައި ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށެވެ.
އެގޮތުން އުމަރު ވިދާޅުވީ ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެނައުމަށް އަމިއްލަ ބިޑްއެވޯޑް ކުރެވުނީ އިއުލާނު ކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށެވެ. އަދި އަގު ހުށަހެޅި ކިންފުންޏަށް ބިޑް އެވޯޑް ކުރުމުގެ ކުރިން އޭސީސީއަށް ލިޔެ ބިޑް އެވޯޑް ކުރުމުގައި ކޮރޮޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައި ނުވާކަން އޭސީސީން ލިޔުން ދީފައިވާ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރިއިރު އެއީ އޭނާގެ އެއްވެސް ހިއްސާއެއް އޮންނަ ނުވަތަ އޭނާގެ އަންބެއް ނުވަތަ އާއިލީ މީހެއްގެ ވެސް ހިއްސާއެއް އޮންނަ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އޭނާގެ ހޯމް މިނިސްޓަރު ކަމުގަިއ ހޯމް މިނިސްޓްރީން އިއުލާން ކުރި އެއްވެސް ބިޑެއް އޭނާގެ ގާތް މީހަކަށް ވިޔަސް އަދި އާއިލީ މީހެއްގެ ވެސް ހިއްސާ އޮންނަ ކުންފުންޏަކަށް އެވޯޑް ކޮށްފައި ނުވާނެ ކަމަށާއި އެއީ ހުދުވަލުގެ މީޙުންގެ ސިޔާސަތު ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ނުރައްކާތެރި އެތައް ކުށްވެރިންނެއްގެ ފައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ޓެގް އެޅުވި އެވެ. އުމަރުގެ އިސްނެންގެވުމަކަށް، ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި ޓެގް އަޅުވަން ފެށީ އެ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށެވެ. ފުލުހުންގެ އިދާރާގައި ގާއިމް ކޮށްފައިވާ ސިސްޓަމެއްގެ އެހީގައި އެ މީހުން އުޅޭނޫޅޭ ގޮތް ބަލައިލެވެ އެވެ.
އަމިއްލަ އަދި އާއިލީ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް ހޯމް މިނިސްޓްރީގެ ބިޑެއް އެވޯޑް ކޮށްފައެއް ނުވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ