މަދު ވަގުތުކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރި ބަޔަކަށް ގާނޫނުއަސާސީއަށް އަވަސް އަރުވާލައިގެން އިސްލާހު ގެންނަކަމަށް ބުނެ ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައި ފާސް ކުރުމުން އެމްޑީޕީ ގަބޫލު ކުރާ ގޮތުގައި މިއީ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ. ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ހުށަހެޅި އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރީ، 2026 ވަނަ އަހަރުގެ ޖަލްސާތައް ފަށައި، ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ.
މިއީ ގާނޫނުއަސާސީގެ ރޫހާވެސް ހިލާފުކަމެއްގެ ގޮތުގައި ސިފަކޮށް، އެމްޑީޕީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ. މި ފާޑުކިއުންތަކަށް ރައްދު ދެއްވައި ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޒަރީރު ވިދާޅުވީ އޮޅުވާލުމާއި ސިއްރު އެޖެންޑާތައް ގެންގުޅުނު ބަޔަކަށް މިހާރު މި ހިނގަމުންދާ ދެ އިންތިހާބު އެއްކޮށްލުމަށް މި ދެކެވޭ ވާޙަކައަކީ އޮޅުވާލުމަކަށް ވެދާނެ ކަމަށެވެ.
އިސްލާހު ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށް ބުނަތީ، ޒަރީރު ވިދާޅުވީ އެ މަސައްކަތަށް ދޮޅު މަސް ލިބުނު ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސިއަށް ބަދަލު ގެނައުމާއި، ގާނޫނުއަސާސީ އިސްލާހު ކުރުމާއި، އަދި ގާނޫނުއަސާސީގެ ދަށުން ހެދިފައި ހުރި ގާނޫނުތަކަށް ވެސް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
”މިއީ އަލަށް ކުރާކަމެއް ނޫން. މިއީ އެމްޑީޕީން ވެސް ކުރާ ކަމެއް. 24 ގަޑިއިރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ގާޒީންވެސް ބަދަލުކުރިއެއް ނޫންތޯ. މުޅި ބެންޗުއެއްކޮށް. ދެން ކޮންވާހަކައެއް މި ދައްކަނީ“
އެމްޑީޕީގެ ވެރިކަމުގައި 24 ގަޑީރު ތެރޭގައި ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެއްކޮށް ބަދަލުކޮށް، މިހާރު އިންތިހާބުގެ ވާޙަކަ ދައްކަން އެމްޑީޕީގެ ހާލަތު ވެސް މާ ރަނގަޅެއް ނޫންކަމަށ ޒަރީރު ވިދާޅުވއިެވެ.
ޒަރީރު ވިދާޅުވީ ކުރިންވެސް އަދި މިހާރުވެސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަނީ މެމްބަރުން ކަމަށާއި، އެއީ އެކަން ކުރަން އޮންނަ ގޮތް ކަމަށެވެ. ކޮންމެ މެމްމްބަރަކަށް ވެސް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮތް އިރު އެ ބިލުގައި އިސްލާމް ދީނާއި ފުށުއަރާ އެއްވެސް ކަމެއް ނެތް ނަމަ، ބިލު ކުރިޔަށް ގެންދިއުމުގައި އެއްވެސް ގޯހެއް ނެތްކަމަށް ޒަރީރު ވަނީ ވިދާޅުވެފަ އެވެ.
ދެ އިންތިހާބު އެއްކޮށްލާ ކަމުސް ބިލު އަދި މަޖިލީހުން ފާސްވި ނަމަވެސް، މިކަމުގައި ރައްޔިތުންގެ މެދުގައިި އަދި ވޯޓެއް ނަގާނެ ކަމަށާއި، މިއީ ޑިމޮކްރަސީގެ ރިވެއުސޫލު ކަމަށް ޒަރީރު ވިދާޅުވިއެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓު ބެންޗު ބަދަލު ކުރި ބަޔަކަށް، ގާނޫނުއަސާސީގެ ވާހަކަ ނުދެއްކޭނެ: ޒަރީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ