ސިޔާސީ މަގާމުތަކުގެ މައުލޫމާތު 14 ދުވަސް ތެރޭގައި ހާމަކުރުމަށް އަންގައިފި

މި ސަރުކާރުން އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި، އެ މީހުންގެ މުސާރައަށް ހިނގާ ހަރަދުތަކުގެ ތަފްސީލު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމްއިން) މިއަދު ރައީސް އޮފީހަށް އަންގައިފިއެވެ.
މި އަމުރު ނެރެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'އަދަދު' ނޫހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ނޫހުން އެދިފައިވަނީ 2023 އިން 2026 އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި، ވަކިކުރި ނުވަތަ އިސްތިއުފާ ދިން މީހުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންނަށް ދައުލަތުން ހޭދަކުރާ މިންވަރުގެ ތަފްސީލު ހޯދުމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، އެދިފައިވާ މައުލޫމާތު ހިފެހެއްޓޭނެ ގާނޫނީ އެއްވެސް އަސާސެއް ރައީސް އޮފީހަށް ދެއްކިފައި ނުވާތީ، އެ މައުލޫމާތުތައް އެދިފައިވާ މިންވަރަށް ދިނުމަށް އަމުރުކުރާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި މައުލޫމާތު ހާމަނުކޮށްފިނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމުގެ އިންޒާރުވެސް ކޮމިޝަނަރު ވަނީ ދެއްވާފައެވެ.
މީގެ ކުރިން މާރިޗު މަހުގެ 8 ވަނަ ދުވަހުވެސް މި މައުލޫމާތުތައް ހާމަކުރުމަށް ރައީސް އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ނަމަވެސް އެ މުއްދަތުގައި މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި ރައީސް އޮފީހުން ބުނެފައިވަނީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތެއް ކުރިއަށްދާ ކަމަށާއި، މައުލޫމާތު ހާމަކުރާނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ