ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ ނަން މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ފޮނުއްވައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުވާފައެވެ. ނިޒާރު މި މަގާމަށް އައްޔަންކުރަން ނިންމެވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުހައްމަދު ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި އާއި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، ގަވަރނަންސް އޯވަސައިޓްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަންނީ ބޭފުޅެކެވެ.
ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2018 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވާފައެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން، ނިޒާރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަން ހިމެނެއެވެ. އަދި މޯލްޑިވްސް ގޭސް އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ނިޒާރު ވަނީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ބައިނަލްއަގުވާމީ ގިނަ ފޯރަމްތަކެއްގައި ރާއްޖެ ތަމްސީލުކުރައްވާފައިވެއެވެ.
ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރަން މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ