ދުސްތޫރަށް މި ގެންނެވި ބަދަލުގެ ސަބަބުން މަޖިލީހުގެ ހުރިހާ ބާރެއް ކެނޑިގެން ގޮއްސި: މާރިޔާ

ޤާނޫނުއަސާސީ ނުވަތަ ދުސްތޫރަށް މިހާރު ގެންނަވަމުންދާ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރެއް ކެނޑިގެން ގޮސްފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ ސަރުކާރުން އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލޯކަލް އިންތިހާބުގެ ކުރިއަށް ގާތްގަނޑަކަށް ހުރިހާ ރަށަކަށާއި މާލޭގެ ހުރިހާ ހިސާބަކަށް ޒިޔާރަތް ކުރައްވާފައިވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، އެ ޒިޔާރަތްތަކުގެ ތެރޭގައި އެންމެ ރައްޔިތެއްވެސް ދެ އިންތިހާބު އެކުގައި ބާއްވާތީ ހަރަދު ބޮޑުވެގެން އެއްޗެއް ބުނެފައިނުވާ ކަމަށެވެ. މިއީ ރައީސް އަމިއްލަފުޅަށް ނިންމަވައިގެން އުޅުއްވާ ނިންމެވުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މާރިޔާ ވިދާޅުވި ގޮތުގައި މިއީ މީހަކު ދުވަހަކުވެސް ދައްކާފައިވާ ވާހަކައެއް ނޫނެވެ. އަދި ދުސްތޫރަށް މި ގެންނެވި ބަދަލުގެ ސަބަބުން މަޖިލީހުގެ ހުރިހާ ބާރެއް ކެނޑިގެން ގޮސްފައިވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
 ”މި ވާހަކައަކީ މީހަކު ދުވަހަކު ވެސް ދައްކާފައިވާ ވާހަކައެއް ނޫން، ދުސްތޫރަށް މި ގެންނެވި ބަދަލުގެ ސަބަބުން މަޖިލީހުގެ ހުރިހާ ބާރެއް ކެނޑިގެން ގޮއްސި،“ މާރިޔާ ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރާ މި މަސައްކަތަށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ، ހަރަދު ކުޑަކުރަން ބޭނުންފުޅުވާނަމަ ޕީއެންސީގެ ހުރިހާ މެންބަރުންގެ ބަދަލުގައި ރައީސް ނުވަތަ ރައީސްގެ ފަރާތްޕުޅުން މަންދޫބެއް މަޖިލީހަށް ފޮނުވުން މާ ރަނގަޅުވާނެ ކަމަށެވެ. މިހާރު ކަންކަން ހިނގާ ގޮތުން މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރަން ތިއްބެވި ބޭފުޅުންގެ އެއްވެސް ބަހެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ހަރަދު ކުޑަކުރުމަށް ދައްކާ ވާހަކަ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވަމުން މާރިޔާ ފާހަގަކުރެއްވީ، ރައީސް މުއިއްޒަކީ އެއްވެސް އިރެއްގައި ހަރަދަށް ބެއްލެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ހަރަދު ކުޑަކުރަން ބޭނުންވާނަމަ އެހާ ގިނަ ސިޔާސީ ވަޒީފާ ނުއުފައްދަވާނެ ކަމަށާއި، ނަމަވެސް މިހާރުވެސް ވަޒީފާތައް އޮހެމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ