ޕްރީ ސްކޫލް ހިންގަން އަމިއްލަ ފަރާތްތަކަށް އެހީ ދޭނަން: މުއިއްޒު

ޕްރީސްކޫލްތައް އެކަށީގެންވާ ގޮތެއްގައި ހިންގުމަށްޓަކައި އެ ތަންތަން ހިންގާ އަމިއްލަ ފަރާތްތަކަށް އޭނާގެ ސަރުކާރެއްގައި އެހީވާނެ ކަމަށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒު އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ރ. ރަސްގެތީމަށް ވަޑައިގެން އެ ރަށުގެ ރައްޔުތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. މުއިއްޒު އެ ވާހަކަ ދެއްކެވީ، އެ ރަށުގައި ރަނގަޅު ފެންވަރެއްގެ ޕްރީސްކޫލެއް އަޅައިދިނުމަށް އެދިފައިވާތީ އެކަމާ ގުޅިގެންނެވެ.
ބުނީ ކީކޭ؟ - "[ޕްރީސްކޫލްތައް ހިންގުމަށް] ވަރަށް ބޮޑު ތަރުހީބެއް ދޭނަން އަދި އިންސެންޓިވް ވެސް ދޭނަން. ފަސޭހަކަމާ އެކު އަމިއްލަ ފަރާތްތަކަށް ރަށްރަށުގައި ބޭބީ ނާސަރީ ހިންގުމަށް މަގުފަހިކޮށްދިނުމަށް އެ ސިޔާސަތު އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
ތަފްސީލު - ސަރުކާރުން ރަސްގެތީމުގައި ޕްރީސްކޫލެއް ގާއިމްކޮށްދިނުމަށް ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެކަން ކުރުމުގައި އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޔާސަތު އަދި އޮތް ނަމަވެސް، ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމްގެ ތެރޭގައި ޕްރީސްކޫލްތައް ހިމެނުމުގެ ވިސްނުމެއް ވެސް ގެންގުޅުއްވާ ކަމަށެވެ.
"މިހާރު މި ނިޒާމް އޮންނަ ގޮތުން، ޕްރީ ސްކޫލެއް ނޯވޭ ރަސްމީ ސަރުކާރުުގެ ނިޒާމުގެ ތެރެއިން. އެއީ، އަޅުގަނޑުމެން މަޝްވަރާ ކުރަމުންދާ ކަމެއް، ސީދާ ސަރުކާރުންގެ ނިޒާމްގެ ތެރެއިން ހިންގުމާއި ނުހިންގުން. އެ ކަމުގައި އަދި ވަކި ގޮތެއް ނުނިންމަން،" މުއިއްޒު ވިދާޅުވި އެވެ. 
"އެހެން ނަމަވެސް، އިންސެންޓިވް ދީގެން ޕްރައިވެޓް ސެކްޓާއަށް ރަނގަޅު ފެންވަރުގައި، ޓީޗަރުން ވެސް ތަމްރީންކޮށްގެން ސަރުކާރުގެ އެހީތެރިކަން [ދޭނަން]."
އޭގެ އިތުރުން، ރަސްގެތީމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީން ވެސް މުއިއްޒު ދެއްވި އެވެ.
މި ސަރުކާރުން ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ދޭން ފެށީ ބައެއް މަޝްރޫއުތައް ނުނިމެނީސް ރިބަން ކަނޑާލައިގެން އެކަނި ކަމަށް ވިދާޅުވެ، މުއިއްޒު އެ ކަމަށް ފާޑުވިދާޅުވި އެވެ. އެ ގޮތަށް "ރިބަން ކެނޑި" ރަށްތަކުގެ ތެރޭގައި ރަސްގެތީމް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ