އިންތިހާބީ ހައްގު ކަށަވަރުކުރަން ޔާމީން ސުޕްރީމް ކޯޓަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ވައްދައިފި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
"އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،" ޝަމީމް ވިދާޅުވި އެވެ.
ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް ހައިކޯޓުގައި ފެށިގެން ކުރިއަށްދިޔަ ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން އެ މައްސަލަ މިހާރު ވަނީ މަޑުޖެހިފަ އެވެ.
އިދިކޮޅުން ވަނީ ޔާމީނަށް އިންސާފު ލިބެންދެން ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް ވެސް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ