ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައިފި

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައިފި އެވެ.
ސީރިއާގައި ކޯލިޝަނެއް ހަދައިގެން ހަނގުރާމަ ކުރަމުންދާ އިދިކޮޅު ހަނގުރާމަވެރިންގެ ގުރޫޕްތަކުގައި ހިމެނޭ ހަޔާތު ތަހްރީރު އަލް ޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޯލާނީ ވަނީ ބައްޝާރުގެ ވެރިކަން ވައްޓާލާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.
ބައްޝާރުގެ ވެރިކަން ނިމިގެން މިދިޔައީ އޭނާ ވެރިކަމުގައި ހުންނަވާތާ 24 އަހަރު ފަހުންނެވެ.
ސީރިއާގެ ރައީސް ކަމަށް ބައްޝާރު ވަޑައިގަތީ އޭނާގެ ބައްޕަ ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކަށްފަހު އޭނާ އެކަނި ވާދަކުރެއްވި އިންތިހާބެއް ކާމިޔާބު ކުރައްވައިގެންނެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާ އުމުރު އޭރު ބައްޝާރުގެ ހަމަނުވާތީ އުމުރު ދަށްކުރުމަށެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އުމުރަކީ 34 އަހަރަށް ދަށްކޮށް އެ އިސްލާހު ވަނީ ގެނެސްފަ އެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދު
ބައްޝާރު ވެރިކަމުގައި ހުންނަވާތާ 24 އަހަރު ފަހުން ވެރިކަން ނިމިގެން ދިޔައިރު އުމުރުން 59 އަހަރުގެ ބައްޝާރު ގައުމު ދޫކުރައްވާ ފިއްލަވާފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ބައްޝާރުގެ ވެރިކަން ނިމުމާ އެކު އަސަދު އާއިލާ އިން ސީރިއާގައި ބައިގަރުނު ވަންދެން ކުރަމުން ދިޔަ ވެރިކަންވެސް މިވަނީ ނިމިގެން ގޮސްފަ އެވެ.
ހަޔާތު ތަހްރީރު އަލް ޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޯލާނީ ވަނީ އެ މީހުންގެ ބާރުގެ ދަށަށް ސީރިއާގެ މުހިއްމު ސިޓީތަކާއި ވެރިރަށް ދިމިޝްގު ގެނެވިފައިވީ ނަމަވެސް ސަރުކާރުގެ އިދާރާތައް ރަސްމީކޮށް އެމީހުންނާ ހަވާލުކުރަންދެން އެއްވެސް އިދާރާއަކަށް ހަނގުރާމަވެރިން ނުވަނުމަށް އަންގާފަ އެވެ.
ހަނގުރާމަވެރިންގެ އަތް ދަށުގައި ދިމިޝްގުގެ މައި އެއާޕޯޓްވެސް އޮތް ކަމަށް ހަބަރުތައް ބުނެ އެވެެ.
ހަޔާތު ތަހްރީރު އަލް ޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޯލާނީ
ހަނގުރާމަވެރިންނަށް ސަރުކާރުގެ ބާރުތައް ހަވާލުކުރުމަށް ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީއަށް ވަނީ އަންގާފަ އެވެ. އޭނާ އެކަމުގައި ދެކޮޅު ނުހަދާ ކަމަށްވެ އެވެ.
ސީރިއާގައި އެންމެ ފުރަތަމަ ދާހިލީ ހަނގުރާމަ ފެށުނީ މީގެ 13 އަހަރު ކުރިން 2011 ވަނަ އަހަރު އެވެ. ސީރިއާގެ ރައްޔިތުން އެ އަހަރުން ފެށިގެން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ގެންދަނީ މުޒާހަރާކޮށް އޭނާ ވެރިކަމުން ބޭލުމަށް ހަނގުރާމަ ކުރަމުންނެވެ.
ބައްޝާރުގެ ވެރިކަން ނިންމާލުމަށް ރައްޔިތުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވަން ބައްޝާރުގެ ސިފައިން ބާރުގެ ބޭނުންކުރުމުން 500،000 އަށް ވުރެ ގިނަ އާންމުން މަރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ