މުއިއްޒު ހައްގުތައް ނިގުޅައިގަތުމާ ދެކޮޅަށް ޒުވާނުން އަޑުފުލަންޖެހޭ: ޝާހިދު

ޒުވާނުންގެ ހައްގުތައް ޑޮކްޓަރ މުއިއްޒު ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުން މިއަދު އަޑުފުލަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުންވެސް އަޒުމު އާކުރަންވީ، ބުރަމަސަތްކަތާއި ގުރުބާނީން ހޯދި ހައްގުތައް ހިފެހެއްޓުމަށް ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ޒުވާނުންނަށް އަރިސްކުރައްވަމުން ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފާހަގަކުރެވޭ ޒުވާނުންގެ ދުވަހަކީ އެމްޑީޕީން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަސް ކަމުގައެވެ.
ކޮންމެ އަހަރެއްގެ 22 އޮކްޓޯބަރއަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންގެ ހައްގުތައް ކަށަވަރު ކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.
2008 ވަނަ އަހަރު އަމަލުކުރަންފެށި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ވަނީ ކަށަވަރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ