މި ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް ފާޑުވިދާޅުނުވެ ހަނު ހުންނަވާ ނަޝީދު އަނެއްކާވެސް މުއިއްޒުއަށް ތައުރީފުކުރާނެ ކަމެއް ހޯއްދަވައިގެން, ސަނާކިޔާ ޓުވީޓު ކޮށްފި!

މި ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް ފާޑުވިދާޅުނުވެ ހަނު ހުންނަވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު, މުއިއްޒުއަށް ތައުރީފުކޮށް, ސަނާކިޔާނޭ ކަމެއް ހޯއްދަވައިގެން އަނެއްކާވެސް މުއިއްޒުއަށް ތައުރީފުކޮށް ޓުވީޓު (އެކްސްގައި ޕޯސްޓު) ކޮށްފިއެވެ.
ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, ދައުލަތުގެ ދަރަނީގެ މައްސަލަތަކާ ގުޅޭގޮތުން ލަފައާއި އިރުޝާދު ހޯދުމަށް އެމެރިކާގެ ސެންޓަވިއުއާއެކު ވެފައިވާ އެއްބަސްވުން އުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއްކަމުގައެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މިފަދަ އެޑްވައިޒަރުންނަކީ ރާއްޖެފަދަ ގައުމުތަކުން އިންތިހާއަށް ނާޖާއިޒު ފައިދާ ނަގަމުންދާ ފަރާތްތަކެކެވެ. ސަރުކާރުން މި އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންކަން މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ ދަރަނީގެ ކަންކަމުގައި ލަފާ ދިނުމަށް އައްޔަން ކޮށްފައިވާ ފަރާތުގެ އެއްބަސް މިސަރުކާރުން އުވާލިނަމަވެސް, ރާއްޖޭގެ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުރީ 8.2 ބިލިއަން ޑޮލަރުގައެވެ. މިއީ ޖީޑީޕީގެ 116 ޕަސެންޓެވެ. މީގެ ބޮޑު ބައެއް ޗައިނާއާއި އިންޑިއާއަށް ދައްކަންޖެހޭ ލޯނުތަކެވެ.
ނަޝީދު ފާހަގަ ކުރެވިފައިވަނީ, ރައީސް މުއިއްޒުގެ ސަރުކާރަށް ސަނާ ކިޔުއްވާނެ ފުރުސަތަކަށް ބަލަބަލާ ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން, މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބޮއްސުންލާ, އަދި ރާއްޖޭގެ އިގްތިސާދު މިސަރުކާރު ވެރިކަަމަށް އައުމަށްފަހު އިނދެޖެހިގެން ގޮސްފައިވި ނަމަވެސް, މިއިން އެއްވެސް ކަމަކަށް ނަޝީދު ފާޑު ވިދާޅުވެފައެއް ނުވެއެވެ.
އަދި ނަޝީދުގެ ޕާޓީގެ އިސް ބޭފުޅުންވެސް ގެންދަވަނީ މިސަރުކާރުން ވަޒީފާ ހޯދުމަށް ދޭތެރެ ދޭތެރެއިން މުއިއްޒުއާ ބައްދަލު ކުރައްވަމުންނެވެ.
އެނގިފައިވާ ގޮތުގައި ނަޝީދު ސީވީއެފް ސެކެޓްރީ ޖެނެރަލްގެ ހައިސިއްޔަތުން ގާނާއަށް ވަޑައިގެންނެވީ މިސަރުކާރުން ރެކަމަންޑޭޝަން ސިޓީ ދޫކުރުމުންނެވެ. އަދި ނަޝީދު މުއިއްޒުއަށް ސަނާ ކިޔުއްވަމުން ގެންދަވަނީ މިސަރުކާރުން ބޭނުންވާ އަމިއްލަ މަންފާތަކެއް ހާސިލް ކުރުމަށްކަމަށްވެސް އެނގިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ