ކުޅުދުއްފުށީގައި ކެމްޕަހެއް ތަރައްގީކުރާ ބަޔަކަށް 25 އަހަރަށް އަމީރު އަމީން ސްކޫލް ދެނީ

ހދ. ކުޅުދުއްފުށީގައި މަތީ ތައުލީމު ދޭ މަރުކަޒެއް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތަކަށް ރަށުގެ ކުރީގެ އަމީރު އަމީން ސްކޫލް 25 އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކުރަން ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ބުނީ ކުރީގެ އަމީރު އަމީން ސްކޫލް، މަތީ ތައުލީމު ދޭ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމާބެހޭ މައުލޫމާތު ދިނުން އަންނަ މޭ މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ މޭ 19 ވަނަ ދުވަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
ބީލަން ހުށަހަޅާ ސިޓީ އުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ހަމަޖެހިފައިވާ ތާރީހާއި ވަގުތުގެ އިތުރަށް ބީލަން ހުށަހަޅާ ފަރާތުގެ ފުރިހަމަ މައުލޫމާތު ލިޔެވިފައި އޮންނަންޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
މިހާރުވެސް ކުޅުދުއްފުށީގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ކެމްޕަހެއް ހުރެއެވެ.
އެރަށުގެ ކައުންސިލް ރައީސް އަލީ މުހައްމަދު ވިދާޅުވީ، އެ ރަށުގެ ކައުންސިލުން ބޭނުންވަނީ އެމްއެންޔޫގެ އިތުރަށް އަމިއްލަ ކޮލެޖްތައް ހިންގާ ބޭފުޅުންވެސް އެރަށަށް ޝައުގުވެރިކުރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ