ދެ ގައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކާ ގުޅޭ ގޮތުން، އެމެރިކާގެ މަންދޫބާއެކު ޚަލީލް މަޝްވަރާކުރައްވައިފި

އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރއާ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ބައްދަލުކުރައްވައިފިއެވެ. ރާއްޖެއާއި ސްރީލަންކާއަށް ސާޖިއޯ ގޯރ ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ، މިދިޔަ ބުރާސްފަތި ދުވަހެވެ. އެމެރިކާގެ މަންދޫބު ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަލާމަތީ އަދި އިގްތިޞާދީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ. މިގޮތުން، މިއަދުގެ ވަގުތެއްގައި ފޮރިން މިނިސްޓަރު ޚަލީލާ އޭނާ ވަނީ ބައްދަލުކުރައްވާފައެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި މަސްހަލަތު އޮންނަ ދާއިރާތަކާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ނަމަވެސް، އިތުރު ތަފުސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. https://x.com/MoFAmv/status/2036015706542940585 ސާޖިއޯ ގޯރގެ މި ދަތުރުފުޅާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓު ނެރުނު ބަޔާނެއްގައި ވަނީ، މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގައެވެ. އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ތަޢުލީމީ، ސަލާމަތީ އަދި ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެމެރިކާގެ މަންދޫބު ރާއްޖެއަށް ދަތުރުކުރެއްވިއިރު، މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ދުވަސްވަރެކެވެ. އަދި އޭނާ ރާއްޖެ ވަޑައިގަތީ ހަނގުރާމައާ ގުޅޭ މަޝްވަރާއަކަށް ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެ ސުވާލުތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ، އިސްރާއީލު ނޫން އެހެން ގައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފިކަމުގައިވާނަމަ، އެ ފުރުސަތު ދެއްވާނޭ ކަމަށެވެ. މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެހާތަނަށް އެ މަންދޫބު ދިވެހި ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށާއި، އެހެންނަމަވެސް، ބައްދަލުވުމަކަށް އެދިވަޑައިގަންނަވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، އެ މަންދޫބާއެކު ކުރައްވާ މަޝްވަރާގައިވެސް، މި ހަނގުރާމައިގެ މައުޟޫއު ފެންމަތިވިކަމުގައިވިޔަސް، ރާއްޖެއިން ދައްކާނޭ ވާހަކައެއް ނޯންނާނޭ ކަމަށެވެ. އަދި، މިރާއްޖޭގެ ބިމުގެ ސަރަޙައްދެއްވެސް، ކަނޑުގެ ސަރަޙައްދެއްވެސް އަދި ވައިގެ ސަރަހައްދެއްވެސް، އެއްވެސް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރާނޭ ފުރުސަތު، އެއްވެސް ގައުމަކަށް ނުދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ