މާލޭގައި ހުންނަ ރަސްކަލަކަށް ދަންނަވައިގެން ކަންކަން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ބޮޑު ތިލަންދުންމަތީގެ ބާރު ހޯދައި ތަރައްގީ ގެންނަން ވަކާލާތު ކުރަން ޖެހޭ ކަމަށް ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މާލޭގައ،ި ފުރަމާލޭގައި މި އޮތް ބާރު ރާއްޖޭގެ އަތޮޅުތަކަށް ޕްރޮވިންސްތަކަކަށް ބަހައިލައިގެން ވިޔަސް ބާރުތައް ރައްޔިތުންނާ ހަމައަށް ގެންދަން ޖެހޭ ކަމަށާއި މިހާރަށް ވުރެ ރައްޔިތުންގެ ބަސް އަންނާނެ ގޮތަކަށް ކަން ކުރަން ވެއްޖެ ކަމަށެވެ.
"ކީއްވެތޯއޭ ހއ، ހދ، ށގައި މޭޔަރެއް ވިޔަސް ނޫނީ އަދި އެހެން މީހަކު ވިޔަސް އެ ބޭފުޅުންގެ ކަންކަން ބަހައްޓަން މި ފުރަމާލޭގައި ހުންނަ ރަސްކަލަކަށް، ރައީސަކަށް ނުބައްސައި އެ ގޮތަށް އަޅުގަނޑުމެންގެ ނިޒާމު ބައްޓަންނުކުރެއްވެންވީ ކީއްވެތޯއޭ؟ ޕީއެސްއައީޕީ ބަޖެޓާއި އެހެން ކަމަކާ އެ ސަރަހައްދަށް އޮތް އެއްޗެއް ދީފައި އެ ބޭފުޅުންގެ ބޭނުންވާ ގޮތަކަށް އެ ބޭފުޅުންގެ ބަހާ އެކީގައި ނުގެންދަވަންވީ ކީއްވެގެންތޯއޭ އަޅުގަނޑު މިއަދު ހަމަ ވިސްނާލަން ވަރަށް މުހިންމު،" އަމީން ވިދާޅުވި އެވެ.
އަމީން ފައިސަލް ވިދާޅުވީ ބޮޑުތިލަދުންމަތީގެ ބާރު އޮންނަންޖެހޭނީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އަތްމަތީގައި ބަސް ބުނުމުގެ ހައްގު އެ ބޭފުޅުންނަށް ލިބޭނެ ގޮތަކަށް ކަމަށާއި އޭނާ އެދެނީ ސަރަހައްދަށް ލޯބިކުރާ ސިޔާސީ ޒުވާނުން މިހާރަށްވުރެ އަޑުހަރުކޮށް އެ ވާހަކަދައްކަން ކަމަށެވެ.
"ސުޕްރީމް ލީޑަރެއް ވިޔަސް އަދި ޗީފް މިނިސްޓަރެއް ވިޔަސް ކަނޑައަޅައިގެން އެއީ ކުޅުދުއްފުށީގައި ވިޔަސް، ދިއްދޫގައި ވިޔަސް ސަރަހައްދީ ވިސްނުން ގެނެސްގެން އެ މާލެއަށް ނުބައްސައ،ި މާލޭގައި މި ހުންނަ ރައީސް ރަސްކަލަކަށް ވާހެން މިދާދިއުން ބަދަލުކުރަން އެބަ ޖެހޭ،" އަމީން ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ޕީއެސްއައިޕީ ބަޖެޓު ގަނޑުކޮށް އެ ސަރަހައްދަށް ލިބޭނެ ގޮތަކަށް ވަކާލާތުކުރަން އެބަޖެހޭ ކަމަށާއި ރިޔާސީ އިންތިހާބަށް ވިޔަސް މަޖިލިސް އިންތިހާބަށް ވިޔަސް ވޯޓަށް ދިޔައީމަ އެ ވާހަކަދައްކަން އެބަޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލު އިންތިހާބަށް ދިޔަސް މި ވާހަކަދައްކަން އެބަޖެހޭ ކަމަށެވެ.
"ބާރެއް ނުދޭނެ ދަރިންނޭ. މި މީހުން އަތުގައި އޮތް ބާރެއް ނުދޭނެ. ގަދަކަމުން ހޯދަންޖެހޭނ.ީ ތަރައްގީއެއް ވެސް ނުކުރާނެ މި ނޫން ތަނެއް. ވަކާލާތުކޮށް ޖެހިލުންކުޑަކަމާ އެކީގައި ނުކުންނަންޖެހޭނީ،" އަމީން ވިދާޅުވި އެވެ.
"މީގެ ކުރީގައި ވެސް ބޮޑުތިލަދުންމަތިން ނުކުމެ އެ މީހުންނަށް އެ ބޭނުންވާ ލިބެންޖެހޭ ކާޑުކޮޅު ނުލިބުނީމަ ކުރި ކަމެއް ހިނގާފައި އޮތީ ތާރީހުގައ.ި ދެން ވެސް ނުކުމެގެން ވާނީ."
އަމީން ވިދާޅުވި ގޮތުގައި ކުޅުދުއްފުށި ހޮސްޕިޓަލާއި ހަނިމާދޫ އެއާޕޯޓާ ތަރައްގީވެ އައިޖީއެމްއެޗަށް ނޮގޮސް ހަނިމާދޫ އެއާޕޯޓުން އާސަންދައިން ބަލިމީހާ ވެސް އިންޑިއާ އަށް ދެވޭނެ ގޮތަކަށް ވާނީ ވަކާލާތުކޮށްގެންނެވެ. ކުރިއަށް އޮތީ ލޯކަލް ކައުންސިލު އިންތިހާބު ކަމަށާއި އެ މަގަށް ގެންދަންވީ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މާލެއަށް ނުބައްސައި، ބޮޑުތިލަންދުންމަތީ ކުރިއެރުމަށް އަޑުހަރުކޮށް ވަކާލާތުކުރަންވެއްޖެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ