އަމިއްލަ ނުކުޅެދުންތެރިކަން ފޮރުވުމަށްޓަކައި އެހެން ބައެއްގެ ބޮލުގައި އިލްޒާމު އެޅުވުމަކީ ސިޔާސީ ބައެއް ވެރިންގެ އުކުޅެކެވެ. ވެރިކަން ކުރާ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކީ، އެމަނިކުފާނުގެ ފަރާތްޕުޅުން އަބަދުވެސް ފެންނަ "ބްލޭމް ގޭމް" ނުވަތަ އެހެން ބަޔަކު ބަދުނާމުކުރުމުގެ ސަގާފަތުގެ އާ ބޮޅެކެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް އެނގިވަޑައިގަންނަވާ ކަމާއި ފައިސާ ލިބުމުގެ ފެހި ސިގްނަލް ލިބިވަޑައިގެންފައިވާ ކަމަށް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މި ސަރުކަރުގެ ވެރިން ވިދާޅުވިޔަސް، ތަރައްގީގެ މަޝްރޫއުތައް މިދިޔަ ދެ އަހަރު އޮތީ މަޑުޖެހިފަ އެވެ. މަޝްރޫއުތައް އިއުލާނުކުރުމާއި ސޮއިކުރުމާއި ބިންގާ އެޅުން ކުރިޔަށް ގެންދިޔަސް، މުއިއްޒު ކުރެއްވި ދަތުރުތަކުގައި ހުރި ސްޕީޑެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގައި ނެތެވެ.
ނަމަވެސް އެންމެ ފަހުން މުއިއްޒު އެ ވިދާޅުވީ ރަށްރަށުގެ މިސްކިތްތަކާއި، ސުކޫލުތަކާއި، ސިއްހީ މަރުކަޒުތަކުގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށާއި ބައެއް ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން ގަބޫލުކުރެ އެވެ.
"ބިން ހަވާލު ނުކޮށްގެން، ކައުންސިލުން ކޮށްދޭންޖެހޭ ކަމެއް ނުކޮށްދީގެނެއް ނޫން މަޝްރޫއުތައް ހުއްޓިފައި އޮތީ. މިރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރަތާއި ފެން ޕްލާންޓު ނިމެން ގާތްވެފައި ވާއިރު، އެކަން ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް. މައްސަލައަކީ ފައިސާ ނުދޭތީ،" ތ. ބުރުނިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގައުމުގެ ތަރައްގީ ހުއްޓިފައި އޮތަސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ހޭދައެއް ކޮށްގެން ތައްޔާރުކުރި ޕީއެންސީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ދެއްކެވި ވާހަކައިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މަޝްރޫއުތައް ނުފެށިގެން އުޅެނީ ކައުންސިލްތަކުން އެއްބާރުލުން ނުދީގެން ކަމަށް ވިދާޅުވުމެވެ. ނަމަވެސް، ހަގީގަތަށް ބަލާއިރު، ކައުންސިލްތަކުން ކަމެއް ނިންމައި ނުދީގެން ލަސްވެއްޖެ ނަމަ އެ މަޝްރޫއުއެއް ކުރިއަށް ގެންދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލުކޮސް ވަނީ ތަސްދީގު ކުރައްވާފައެވެ.
މިދިޔަ ޑިސެންބަރު މަހު ގެނައި އެ ބަދަލު ދަށުން، ކައުންސިލަކުން ބިން ދިނުމުގައި "އެކަށީގެންވާ މުއްދަތެއްގެ" ތެރޭގައި ހުއްދަ ނުދީފި ނަމަ، އެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ސަރުކާރަށް މިހާރު އޮވެއެވެ.
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ދީފައި ނުވާ ނަމަ، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދައާ އެކު، އެ މަޝްރޫއުއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވެ އެވެ.
ވީއިރު، ގާނޫނީ ގޮތުން ހުރިހާ ބާރެއް ސަރުކާރުގެ އަތްމަތީގައި އޮވެ، މަޝްރޫއުތައް ނުހިނގާ މައްސަލައިގައި ކައުންސިލްތަކުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ މުއިއްޒު ހަގީގަތް އޮޅުވައިލެއްވުމެވެ.
ރައީސްގެ ވާހަކައިގައި "ސަރުކާރާ އިދިކީލަ ކައުންސިލްތަކުގެ" ވާހަކަ ގެންނެވުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ތައްޔާރުކުރި ހަތިޔާރެއް ކަމަށް ބެލެވެ އެވެ. ރަށްރަށުގައި މަޝްރޫއުތައް ނުހިނގުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ނުތަނަވަސްކަން، ސަރުކާރުގެ ދޯދިޔާ އިދާރީ ހިންގުމުން ނުވަތަ ބަޖެޓުގެ ތާށިކަމުން އެހެން ފަރާތަކަށް އަނބުރާލުމަކީ ސިޔާސީ އުކުޅެކެވެ. މުއިއްޒު މިފަހަރު އެ ކުރެއްވީ އެކަމެވެ.
ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަޕްޑޭޓު އެ މަނިކުފާނު ބުރާސްފަތި ދުވަހު ބެއްލެވިއިރު، އެތައް ރަށެއްގަ މަޝްރޫއުތައް މަޑުޖެހިފައި އޮތީ ކައުންސިލުން "ބިން ނުދީގެން" ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ސުވާލަކީ އެ ބުނާ ބިންތައް ހޯދަން ސަރުކާރުން އެލްޖީއޭ މެދުވެރިކޮށް މަސައްކަތް ކުރެއްވީ ކިތައް ރަށުގައިތޯ އެވެ؟ އެފަދަ އެއްވެސް ކަމެއްގައި މިހާތަނަށް ކައުންސިލަރުން ސަސްޕެންޑުކޮށްފައެއް ނެތެވެ.
ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ބޭނުންވާ ގޮތަސް ކުރިއަށް ގެންދިޔުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން ނުކޮށް، ހަމައެކަނި ޕޯޑިއަމްތަކުގައި ޝަކުވާކުރުމުން ދޭހަވަނީ، މަޝްރޫއު ހިންގުމަށްވުރެ ބޮޑަށް، އިދިކޮޅު ފިކުރުގެ ކައުންސިލަރުން ބަދުނާމުކުރުމުގެ ސިޔާސީ މަގުސަދު ބޮޑުކަމެވެ.
"އަސްލު މައްސަލަ އަޑުއަހާ މީހުންނަށް އޮޅޭ މޭރުމުން ރައީސް މުއިއްޒު ދެއްކެވުން ހިތާމަކުރަން. މަޝްރޫއެއް ހިންގަން ބިން ހަވާލުކުރެވެނީ "ރަށުގެ ލޭންޑް ޔޫސް ޕްލޭން" ގައި އެކަމަށް ޖާގަ ކަނޑައެޅިފަވާ ނަމަ. މަޝްރޫޢުތަކަށް ކައުންސިލުން ބިން ނުދެނީއެއް ނޫން. ސަރުކާރުން ކުއްލިއަކަށް ރާވާލާ މަޝްރޫއުތަކަށް ލޭންޑް ޔޫސް ޕްލޭންގައި ބިން ކަނޑައެޅިފަ ނުހުންނަނީ،" ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝުޖާއު ވިދާޅުވި އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒި ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި ސަރުކަރުން ބޭނުންވަ ބައެއް މަޝްރޫއުތައް ނުފެށެނީ ރައްޔިތުންނާ މަޝްވަރާކޮށް އަހަރު ދުވަހަށް ފާސްކޮށްފަ އޮންނަ ޕްލޭނަށް ބެލުމެއްނެތި ހިތުހުރިހާ ގޮތަކަށް ސަރުކާރުން މަޝްރޫއު އިއުލާން ކުރާތީ ކަމަށެވެ.
"ސަރުކާރު ކެނޑިޑޭޓް އިން އަންނާކަށް ނުޖެހޭ. ދައުލަތުން ދޭންޖެހޭ ފައިސާ ދީފަ ރައްޔިތުން ބޭނުންވާ ޕްލޭން ތަންފީޒު ކުރުން މުހިއްމީ،" އޭނަ ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމެވެ. އެ ކަންކަން ލަސްވުމުގެ ހަގީގީ ސަބަބަކީ ބިން ނުލިބުން ނަމަ، އެކަމަށް އޮތް ގާނޫނީ ހައްލު މިހާރު ސަރުކާރަށް ލިބިފައި އެބައޮތެވެ. އެކަން އެގޮތަށް ނުކޮށް، ކައުންސިލްތަކަކީ ތަރައްގީގެ ހުރަހެއްގެ ގޮތުގައި ސިފަކުރުމަކީ ލާމަރުކަޒީ ނިޒާމަށް އޮތް އިތުބާރު ކުޑަވެ، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭނެ ކަމެކެވެ. މުއިއްޒު މިފަހަރު އެ އުފެއްދީ އެ ފިތުނަ އެވެ.
މުއިއްޒު، ކައުންސިލްތައް ބަދުނަމު ކުރެއްވިއިރު، ރާއްޖޭގެ ހުރިހާ ރަށަށް ވަޑައިގަތުމުގެ ރެކޯޑު ހެއްދެވުމަށް ކުރެއްވި ދަތުރުތަކުގައި ގިނަ އަދަދެއްގެ ބިންގާ އެޅި އެވެ. މަޝްރޫއުތައް ހަވާލުކުރި އެވެ. ނަމަވެސް ބިން ހަވާލު ނުކުރާ ވާހަކަ މިހާރު ދެއްކެވުމުން ދޭހަވަނީ ހަވާލުކުރި މަޝްރޫއުތަކާއި އެޅި ބިންގާ ތަކަކަކީ އެއްވެސް ރޭވުމެއް ނެތި ކުރި ކަމެއް ކަމެވެ.
މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވިއިރުން ފެށިގެން އެންމެ ބޮޑު ޝަކުވާއަކީ ލޭންޑް ޔޫސް ޕްލޭން ފާސްނުކުރުމެވެ. މިހާރު ވެރިކަމުގައި ހުންނެވީ މުއިއްޒެވެ. އަދި ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ އެމަނިކުފާނަށެވެ. ނަމަވެސް ވައުދުވެވަޑައިގަތް ޕާކިން ބިލްޑިންއެއް، އަދި މާލޭގެ ހައުސިން މަޝްރޫއެއްގެ އެންމެ ގާބުރިއެއް ވެސް، ނިމިގެން ދިޔަ ދެ އަހަރުގެ 100 ބިލިއަން ބަޖެޓަކުން ވެސް ނުވި އެވެ. އެމަނިކުފާނުގެ މޭޔަރު ކަމުގައި ހަވާލުކުރި މާލޭގެ މަސް މާރުކޭޓުގެ ތަރައްގީކުރުން ހުއްޓިފައި އެ އޮތީ ދެ ބަޔަކާއެކު ހަދާފައި އޮތް ދެ އެއްބަސްވުމުގެ ދެތެރޭގައި ތާށިވެގެންނެވެ.
ގާނޫނީ ފުރިހަމަ ބާރު އޮތްއިރު، ކަމެއް ހަސީލު ނުކުރެވި، ދަތުރުތަކާއި ޕޯޑިއަމްތަކުގައި ދެ އަހަރު ހޭދަކޮށް ލުމަށް ފަހު ކައުންސިލްތައް ބަދުނާމު ކުރުމުގެ އެއްވެސް އިހުތިޔާރެއް މުއިއްޒަކަށް މިހާރު ނެތެވެ. ރަށްރަށުގައި ކުރައްވަން ބޭނުންވާ ކޮންމެ ކަމެއް ކުރެއްވުމުގެ ފުރިހަމަ ބާރައި އިހުތިޔާރު، ގާނޫނަށް ބަދަލު ގެނެސްގެން އެ މަނިކުފާނުގެ ވަނީ ނަންގަވައިފަ އެވެ.
އަބަދުވެސް "އެހެން މީހެއްގެ ބޮލުގައި" ކަންކަން އެޅުވުމުގެ ބަދަލުގައި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ގާނޫނުން ލިބިދޭ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރައްޔިތުންނަށް ނަތީޖާ ދެއްކުމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެކެވެ. ހަގީގަތް އޮޅުވާލުމަކީ ވަގުތީ ސިޔާސީ މަންފާއެއް ލިބިދާނެ ކަމެއް ނަމަވެސް، އެއީ ގައުމުގެ ކުރިމަގަށް އޮތް ބޮޑު ނުރައްކަލެކެވެ.
ކައުންސިލްތައް ބަދުނާމު ކުރެވޭކަށް ނެތް، ހުރިހާ ބާރެއް އޮތީ މުއިއްޒު އަތުގައި ކައުންސިލްތައް ބަދުނާމު ކުރެވޭކަށް ނެތް، ހުރިހާ ބާރެއް އޮތީ މުއިއްޒު އަތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ