އެމެރިކާ އާއި ޗައިނާގެ ގޮންޖެހުންތަކާ އެކު އިންޑިއާއިން ޑިއުޓީ ކުޑަކޮށްފި

ހަކަތައިގެ ދާއިރާއަށް ބޭނުންވާ ތަކެތި ހޯދުމުގައި ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި އެމެރިކާގެ ވިޔަފާރީގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެކްސްޕޯޓަރުންނަށް ކުރިމަތިވާ ހަރަދުތައް ކުޑަކުރުމަށްޓަކައި އިންޑިއާއިން ބައެއް މުދަލާއި ތަކެތިން ނަގާ ޑިއުޓީ އިއްޔެ ކުޑަކޮށްފި އެވެ.
އިންޑިއާގެ ބަޖެޓް ގާނޫނު ހަދާ މަޖިލީހަށް އިއްޔެ ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން ވިދާޅުވީ، މުހިންމު މައުދަންތައް ސާފުކުރުމަށާއި ލިތިއަމް-އަޔަން ބެޓެރި އުފެއްދުމަށް ބޭނުންކުރާ ސާމާނުން ނަގާ ޑިއުޓީ ކުޑަކުރާނެ ކަމަށެވެ. މިއީ އިންޑިއާގެ ހަކަތައިގެ ސިޔާސަތުތަކަށް އެހީތެރިވެދީ، ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސޯލާ ގްލާސް އުފެއްދުމަށް ބޭނުންކުރާ ސޯޑިއަމް އެންޓިމޮނޭޓާއި އިލެކްޓްރިކް އުޅަނދުތަކުގެ މެގްނެޓް އުފެއްދުމަށް ބޭނުންވާ މޮނަޒައިޓުން ނަގާ ޓެރިފް ވެސް ސަރުކާރުން ވަނީ އުވާލާފަ އެވެ. ދުނިޔޭގެ މިފަދަ މެގްނެޓް އުފެއްދުމުގެ %90އަށް ވުރެ ބޮޑު ބައެއް ޗައިނާއިން ކޮންޓްރޯލް ކުރާއިރު، މިދިޔަ އަހަރު ޗައިނާއިން އެކްސްޕޯޓް ކުރުން ހަނިކުރުމުގެ ސަބަބުން އިންޑިއާގެ އީވީ އުފެއްދުމުގެ މަޝްރޫއުތަކަށް ވަނީ ބުރޫއަރާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވަމުންގެންދަވާ ހަރުކަށި ޓެރިފްތަކުގެ ސަބަބުން ގެއްލުންވަމުންދާ ކަނޑުގެ އުފެއްދުންތަކާއި ފޭރާން އުފައްދާ ދާއިރާތަކަށް ބޭނުންވާ ރޯމެޓީރިއަލްތަކަށް ވެސް އިންޑިއާއިން ލުއިތަކެއް ވަނީ ދީފަ އެވެ. އަދި އަސްކަރީ މަތިންދާބޯޓު މަރާމާތުކުރުމަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކް ސިނާއަތަށް ބޭނުންވާ ބައިތަކުން ވެސް ޑިއުޓީ ވަނީ ކުޑަކޮށްފަ އެވެ.
އިގްތިސާދީ މާހިރުން ދެކޭ ގޮތުގައި، މި އިސްލާހުތަކަކީ 1 ޓްރިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރުމަށް އިންޑިއާއިން ކުރާ އުންމީދުތައް ހާސިލުކުރުމަށް މުހިންމު ފިޔަވަޅެކެވެ.
އުފެއްދުންތަކަށް ހިނގާ ހަރަދު ކުޑަވުމުން، ބައިނަލްއަގުވާމީ ސަޕްލައި ޗެއިންތަކުގައި އިންޑިއާގެ ކުންފުނިތަކުގެ ދައުރު ބޮޑުވެ، ޗައިނާ ނޫން އެހެން ގައުމުތަކަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތައް އިންޑިއާއަށް ޝައުގުވެރިވާނެ އެވެ.
މި ބަޖެޓުގައި ވަނީ، ހަމައެކަނި އެކްސްޕޯޓަށް އަމާޒުކޮށްގެން ހިންގާ ހާއްސަ އިގްތިސާދީ ސަރަހައްދުތަކުގައި ހުންނަ ކުންފުނިތަކަށް، އިންޑިއާގެ އެތެރޭގެ ބާޒާރުތަކަށް މުދާ ވިއްކުމުގެ ހުއްދަ ވެސް ވަގުތީ ގޮތުން ދީފަ އެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެ ކުންފުނިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ