2025 ގެ ފަހު ކުއާޓަރުގައި އެމްއައިބީގެ ފައިދާ 100 މިލިއަނަށް 2025 ގެ ފަހު ކުއާޓަރުގައި އެމްއައިބީގެ ފައިދާ 100 މިލިއަނަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި 100 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަމާއެކު ދަމަހައްޓައިފި އެވެ.
ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކުގެ އެސެޓް ވެލިއުއަށް ވަނީ 1.69 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މިއާއެކު ބޭންކުގެ ޖުމްލަ އެސެޓްގެ އަގު މިހާރު ހުރީ 16.64 ބިލިއަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ބޭންކުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމުގެ ހެއްކެކެވެ.
މާލީ ރިޕޯޓްތައް ދައްކާ ގޮތުން، ކަސްޓަމަރުން ބޭންކުގައި ފައިސާ ޑިޕޮސިޓްކުރި މިންވަރު ވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ އަދަދަކަށް އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޑިޕޮސިޓްގެ ގޮތުގައި 12.11 ބިލިއަން ރުފިޔާ ހުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ވަނީ 13.64 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އެންމެ ކުއާޓަރެއްގެ ތެރޭގައި 1.53 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެމްއައިބީން ބުނީ ޑިޕޮސިޓްތައް މިހާ ބޮޑަށް އިތުރުވުމަކީ ބޭންކުގެ ހިދުމަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުންދާ ކަމުގެ ރަމްޒެއް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.
ބޭންކުގެ ވިޔަފާރި ކުރިއަރަމުންދާއިރު، އިޖުތިމާއީ ޒިންމާގެ ދަށުން މުހިންމު މަސައްކަތްތަކެއް ވެސް އެމްއައިބީން އަންނަނީ ކުރަމުންނެވެ. އެގޮތުން ބ. އަތޮޅުގައި ކުނި މެނޭޖްކުރުމުގެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް "ސޮނެވާ ނަމޫނާ" އާއެކު ސޮއިކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
ޑިޖިޓަލް ބޭންކިންއަށް ހާއްސަ ސަމާލުކަމެއް ދޭ އެމްއައިބީއަކީ، ރާއްޖޭގައި އެންމެ ފުރަތަމަ އޮންލައިންކޮށް އެކައުންޓް ހުޅުވުމުގެ ހިދުމަތް ތައާރަފުކުރި ބޭންކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ