މި އަހަރުގެ ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް ޔަގީންކަން ގެނުވައިފި: ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްވެވި ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް ޔަގީންކަން ގެނުވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އިއްވެވި ތިން ގަޑިއިރުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ވަރަށް ތަފްސީލުކޮށް ހާމަކޮށްދެއްވީ އެމަނިކުފާނު ރާއްޖޭގެ ތަރައްގީއާމެދު ކުރައްވާ އުއްމީދީ ތަސައްވަރު ކަމަށެވެ.
އެ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް މިއަހަރު ކުރައްވާނެ އަމަލީ މަސައްކަތްޕުޅުތައް ވެސް އެ ބަޔާނުން ހާމަވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ކޮންމެ ޖުމްލައަކުން ވެސް ރައްޔިތުންގެ ހިތްތަކަށް ޔަގީންކަމާއި ތަސައްލީ ގެނަސްދެއްވީ، ކަންކަން ހިނގަމުން ދިޔަ ގޮތާއި، ސާބިތު ހެކިތަކާއި ހަގީގަތްތަކާއި، ތަފާސްހިސާބުތައް ހާމަކުރައްވައިގެން ކަމުގައި ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް، މި އަހަރުގެ ރިޔާސީ ބަޔާން އެތައް ގޮތަކުން މުހިއްމުވެ ހާއްސަވި ސަބަބުތަކެއް ހުރި ކަމަށެވެ.
އެއީ، ރައީސް ދެއްވި ތަފްސީލުތަކާއި ހިއްސާ ކުރެއްވި މުހިންމު ގިނަ މައުލޫމާތުގެ އިތުރަށް، ރައީސްކަމުގެ މަގާމާ އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވިއިރު ވާރުތަވަމުން އައި ބިޔަބޮޑު ދަރަނި ޑިފޯލްޓް ނުވެ އަދާކުރަންޖެހޭ އަހަރަކީ މިއަހަރު ކަމުގައިވާތީ ކަމަށް ސައީދު ވިދާޅުވިއެވެ.
މި ދަރަންޏާމެދު މި ސަރުކާރުން އަމަލު ކުރައްވާނެ ގޮތް ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޔާނުގައިކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ދަރަނީގެ ފުން އަނދަވަޅުން ގައުމު ސަލާމަތްކުރައްވާނެ ކަމަށް ދެއްވި ޔަގީންކަމާއި އަޒުމުގެ ސާބިތުކަމަށްޓަކައި އެކަނިވެސް މިއީ ތާރީހީ ބަޔާނަކަށް ވެގެންދާ ކަމަށެވެ.
މީގެއިތުރުން ގައުމަށް ކުރިމަތިވެފައިވާ މިފަދަ ކޮންމެ މައްސަލައަކާ ކުރިމަތިލައްވައި ސަލާމަތުގެ އައްސޭރިއަކަށް ރައްޔިތުން ގެންގޮސްދެއްވާނެ ގޮތްވެސް މިއަދު ރައީސް ވިދާޅުވެދެއްވީ ނުހަނު ހާމަކަން ބޮޑުކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ