އީރާނާ އެކު ހިނގަމުންދާ ކުރިމަތިލުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެމެރިކާއިން މުއާމަލާތް ކުރަމުންދަނީ އެކަމާ ގުޅުންހުރި އިސް ފަރާތްތަކާ ކަމަށެވެ.
އީރާނުން މިކަމުގައި އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވައި، އީރާނުން ދޫ ދިނުމުގެ ގޮތުން "ވަރަށް ބޮޑު ހަދިޔާއެއް" ނުވަތަ ރަނގަޅު ކަމެއް ކޮށްދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް އެމެރިކާއިން އީރާނަށް ފޮނުވާފައިވާކަން ބައެއް މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާއި އެކި ޖަމާއަތްތަކަށް ދޭ އެހީތެރިކަން މެދުކަނޑާލުމުގެ އިތުރުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ %20 ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެ އެވެ. މި ހަނގުރާމަ ފެށުނީއްސުރެ އެ ކަނޑުއޮޅި އޮތީ ބަންދުކޮށްފަ އެވެ.
ނަމަވެސް، އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވަނީ އެމެރިކާއާ އެކު ސީދާ މަޝްވަރާތަކެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، އެފަދަ ވާހަކަތަކަކީ ދޮގު ހަބަރުގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ނަމަވެސް، އީރާނުގެ ކަމާ ބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން، އީރާނަށް ނުރައްކަލެއް ނެތް އުޅަނދުފަހަރަށް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ބުނެ، ތެހެރާނުން ވަނީ ދޫ ދިނުމުގެ އިޝާރާތެއް ދީފަ އެވެ.
ޑިޕްލޮމެޓިކް ދާއިރާއިން މިފަދަ މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެމެރިކާ، އިޒްރޭލު އަދި އީރާނުގެ މެދުގައި ދެވޭ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި މިހާރު ވެސް ތިބި އެމެރިކާގެ 50,000 ސިފައިންގެ އިތުރަށް، ވައިގެމަގުން ހަރަކާތްތެރިވާ ހާއްސަ ލަޝްކަރުތައް ހިމެނޭހެން އިތުރު ސިފައިން ފޮނުވުމަށް ވޮޝިންޓަނުން ދަނީ ތައްޔާރުވަމުންނެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބާއްވާ މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ގައުމުގައި އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އޮތްކަން ހާމަކުރައްވާފަ އެވެ.
މި ހަމަނުޖެހުންތަކަށް ހަތަރު ހަފްތާ ވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި ސަރަހައްދީ ބޮޑު ކާރިސާއަކަށް މިކަން ބަދަލުވެދާނެތީ ދުނިޔޭގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އީރާނުގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް އެބަލިބޭ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ