ހެލްތު މިނިސްޓަރު ނާޒިމް އިސްތިއުފާ ދެއްވައިފި

ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ދެވަނަ ހެލްތު މިނިސްޓަރު ނާޒިމް މަގާމުން އިސްތިއުފާ ދެއްވި އިރު، ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކެބިނެޓުން މިއަދު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި:
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް؛ ހަލީލަކީ މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
ތަފްސީލް - ނާޒިމް ވަނީ މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
 އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
 އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި 
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ