ނުރައްކާތެރިކަން ކެނޑި ވައި ސާފުވެއްޖެ، އީދުގައި މޫސުން ރީތިވާނެ: މެޓް
މި ދުވަސްވަރު މުޅި ރާއްޖެއަށް ވައި ޖެހޭނީ އިރު އުތުރުން ކަމަށްވާތީ، ވައި ސާފުވެފައިވާ ކަމަށް, މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ވައި ހުރީ ނުރައްކާތެރި މިންވަރަކަށް މަތިވެފައެވެ. ނަމަވެސް، މިއަދު އައިކިއުއެއާއިން ދައްކާ ގޮތުގައި، ޖުމްލަ ކޮށް މުޅި ރާއްޖެއަށް ވަނީ ވައި ސާފުވެފައެވެ. މިގޮތުން، އުތުރުން ކުޅުދުއްފުށި ސިޓީގައި ވައިގެ ސާފުމިން ހުރީ 53ގައި ރީނދޫ ސަމާލުގައެވެ. https://sun.mv/187416 މާލެ ސަރަހައްދަށް ވައި ސާފުވެ، މި ސަރަހައްދު ހުރީ ފެހި ސަމާލުގައެވެ. އެއީ، ވައިގެ ކޮލިޓީ ހުރުން އެންމެ ރަނގަޅު މިންވަރެވެ. އަދި، ދ. ކުޑަހުވަދޫއާއި ލ. ގަމާއި އައްޑޫ ސިޓީ ވެސް ހުރީ ފެހި ސަމާލުގައެވެ. މީހަކު ސައިކަލެއްގައި: ނުރައްކާތެރިކަން ކެނޑި ވައި ސާފުވެއްޖެ، އީދުގައި މޫސުން ރީތިވާނެ ކަމަށް މެޓުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ 'ސަން'އިން ސުވާލުކުރުމުން މެޓުން ބުނި ގޮތުގައި، ދުންފުހުގެ އަސަރު ކުޑަވީ މި ދުވަސްވަރު ވައިގެ މިސްރާބު ހުރި ގޮތުންނެވެ. މިގޮތުން، މިހާރު ރާއްޖެއަށް ވައިޖެހެނީ އިރުމަތީ ބިތުން ކަމަށްވާއިރު، އެ މިސްރާބު ބަދަލު ނުވާހާ ހިނދަކު ވައި ސާފުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މާދަމާއަކީ އީދު ކަމަށްވާއިރު، ގިނަ ބަޔަކު އެކި ތަންތަނަށް އަންނަނީ ދަތުރުކުރަމުންނެވެ. މިގޮތުން، މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކުޑަކޮށް ވާރޭ ވެހުން ނަމަވެސް މޫސުން ގޯހެއް ނުވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އޭގެއިތުރުން، އާންމުކޮށް ވައި ޖެހޭ މިންވަރު ވެސް މަޑުވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަ ނުވާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ