މޮރިޝަސްއަށް ޗާގޯސް ދިނުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލައިފި އެވެ.މޮރިޝަސް އަށް ޗާގޯސް ދޭން މިދިޔަ އަހަރު މެއި މަހު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ދަނީ ކުރިއަށެވެ. ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިނގިރޭސި ވިލާތުން ގަބޫލުކޮށް ދޫކޮށްލި ނަމަވެސް އެއްބަސްވެފައިވަނީ ޑިއެގޯ ގާސިއާ 99 އަހަރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދޭށެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ވަގުތު ނެތް ކަމަށާއި ކުރިއަށް އޮތް ރަސްގެފާނުގެ ތަގުރީރުގައި މި އެއްބަސްވުމުގެ ވާހަކަ ހިމެނުމަކީ ނާދިރު ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އިނގިރޭސިވިލާތުން މިކަމައިގެން ކުރިއަށްދާނީ އެމެރިކާގެ ތާއީދު ލިބިގެން ކަމަށެވެ. އަދި ޑިއޭގޯ ގާސިއާއަކީ އިނގިރޭސިވިލާތާއި އެމެރިކާއަށް ވެސް އަސްކަރީ ގޮތުން ވަރަށް މުހިންމު ތަނެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުންއިސްތިޝާރީ ލަފައެއް ނެރެފައި ވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.މި ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.ޗާގޯސް އަކީ ރާއްޖޭގެ ދެކުނުން 310 މޭލު (500 ކިލޯމީޓަރު) ދުރުގައި 60 ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެކެވެ. ޗާގޯސް މައްސަލައިގައި ރާއްޖޭންވެސް މޮރިޝަސްއަށް އެތަން ދިނުމަށް ދެކޮޅެވެ. އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ހައްގު ގައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ