ވޯޓަކީ ރައްޔިތުންނަށް ލިބޭނެ ފުރުސަތެއް، ތައްޔާރުވޭ!

ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް އައިފަހުން ރައްޔިތުން މަޖިލިސްތައް ފެނިގެން ދަނީ ރައްޔިތުން ތަމްސީލުކުރާ ބާރަކަށް ވުރެ ބޮޑަށް ޕާޓީތަކުގެ ސިޔާސަތާއި ފިކުރު ތަމްސީލުކުރާ ބާރެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ސިޔާސީ ނިންމުންތަކުގެ ނަތީޖާ ގޯސް ނަމަވެސް އެއަށް ފަރުވާ ހޯދުމަކީ އުނދަގޫ ކަމެކެވެ. ލާމަރުކަޒީ ނިޒާމުން އުފަންވި ރަށާއި އަތޮޅު އަދި ސިޓީ ތަކުގެ ނިންމުން ތަކުން ވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. އަދި މިފަހުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ތަކުން ވެސް ފެނުނީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ފޭރިގަނެ، ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު ވެސް މައި ސަރުކާރަށް ނަގަން މަސައްކަތް ކުރާ ތަނެވެ. ސަރުކާރުގެ ކެންޑިޓޭޑުން ބޭނުންކޮށް ގެން ކައުންސިލް އިދާރާ ވެސް "ތަޅު" ލަނީ އެވެ.އެއް މިސާލަކީ މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރިގޮތާ ގުޅޭ މައްސަލަ ފެށުމާއެކު މާލޭ ސިޓީ ކައުންސިލްގެ ކޯރަމް މިހާރު ހަމަ ނުވުމެވެ. އެންމެ ފަހުން ބިމުގެ މައްސަލައިގައި ބޭއްވި ތިން ޖަލްސާ ވެސް ނިމުނީ ކޯރަމް ހަމަ ނުވެ ގެންނެވެ. ޖަލްސާގެ ކޯރަމަކީ 10 އެކެވެ. އިއްޔެ އޮތް ޖަލްސާ ފެށީ އެ އަދަދަށް މެންބަރުން ހާޒިރުވެ ތިބުމުންނެވެ. ޖަލްސާ ފަށައިގެން އެޖެންޑާގެ އޮތް ތިން ކަމެއް ކުރުމާ ހަމަޔަށްވެސް މެންބަރުން ތިއްބެވެ. އެކަމަކު އެޖެންޑާ ނަންބަރު ހަތަރެއްގައި އޮތް ބިމާބެހޭ މައްސަލަ ފެށުމާއެކު، ޕީއެންސީގެ ތިން މެންބަރަކު ޖަލްސާ ދޫކޮށްދިއުމުން ޖަލްސާގެ ކޯރަމް ގެއްލުނީ އެވެ. އެޖެންޑާ ނަންބަރު ހަތަރެއްގައި އޮތީ މާލެ ކައުންސިލުން މިދިޔަ މަހުގެ 20ވަނަ ދުވަހު އާންމުކުރި ބިންތަކުގެ ލިސްޓުގައި، ބައެއް ބިންތައް ނެތް ކަމުގެ ޝަކުވާ ހުށަހަޅާފައިވާތީ، އެފަދަ އެއްބަސްވުންތަކެއް ހުރިނަމަ އެ އެއްބަސްވުންތަކާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމެވެ.ކައުންސިލުގެ މެޖޯރަޓީ އޮންނަނީ ސަރުކާރަށް ނިސްބަތްވާ ޕީއެންސީ މެންބަރުންގެ އަތުގައި ކަމުން، ބިމާބެހޭ މައްސަލަތައް އެޖެންޑާއަށް ލާ އެއްވެސް ދުވަހެއްގައި ޖަލްސާގެ ކޯރަމް ހަމައެއް ނުވެ އެވެ. މާލޭ ސިޓީގެ 18 ކައުންސިލަރުންގެ ތެރެއިން 14 ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށް ކަމަށްވާއިރު، ތިން ކައުންސިލަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. މި ވަގުތު ކައުންސިލްގައި މިނިވަން މެންބަރަކަށް ހުންނެވީ ވިލިމާލެ ދާއިރާގެ މެންބަރު ނަޙުލާ އަލީ އެކަންޏެވެ. މިކަމުން ދޭހަކޮށްދެނީ "ސަރުކާރު" ކެންޑިޑޭޓްގެ އަތުގައި ރައްޔިތުން ހިފުމުން ލިބޭ ގެއްލުމެވެ. ސަރުކާރުގެ ސިއްރު އެޖެންޑާ އަށް ފަހި ކުރުމަށް ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުން ވެސް ހޭ ބުއްދި ފިލަނީ އެވެ.މިހެން ވަނީ އާދައިގެ ރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރިން ގިނަވުމުން ނެވެ. އެގޮތުން ސަރުކާރު ކައުންސިލަރުން ވެސް ކުރިއަށް ދާނީ ރައްޔިތުންގެ ވޯޓުން ހޮވި ސަރުކާރު ދެމެހެއްޓުމުގައި އެވެ. ރަަށަށް އަތޮޅަށް ސިޓީއަށް ކަމެއް ނުވެގެން ރައްޔިތުން "ހޭލަމޭލަ" އަށް ދުއްވާއިރު، ސަރުކާރު ކައުންސިލަރުން ތިއްބަވާނީ "ސަރުކާރު ރަޖާ" ލައިގެން ފިލަ އެވެ. އެކަން މިއަދު އެ ފެންނަނީ ވެރިރަށް މާލޭ ސިޓީ ކައުންސިލުން ނެވެ.މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައި ވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައި ވެއެވެ. އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒެވެ.މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައި ވެއެވެ. އެ ގޮތުން، މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއް ނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ ތިން ޖަލްސާއަކަށް އެޖެންޑާކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ނުބޭއްވުނެވެ. މިއަދު މާލޭ ސިޓީ ކައުންސިލުން މި ފެންނަ މަންޒަރުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުގައި ރައްޔިތުން ވަރަށް ވިސްނާ ރައްޔިތުންގެ ބާރުގައި "ސަރުކާރަށް" އަތް ނުލެވޭނެ ގޮތެއް ހޯދުން މޮޅު އިތުރެވެ. ވެރިކަމުގައި އޮންނަ އިރު، އިންތިހާބު ކާމިޔާބު ކުރަން ދައުލަތުގެ މުދަލާއި ވަސީލަތްތައް އަދި ނުފޫޒު ބޭނުންކުރާނެ ކަން މި ސަރުކާރުން ވެސް ދަނީ ދައްކަމުންނެވެ. މި މައްސަލައިގައި ކުރިން އެމްޑީޕީއާއި ދިމާލަށް އަމާޒުކުރި ފާޑުކިއުންތަކުގެ މަތިން ހަނދާން ހުރި ހެނެއް ވެސް ހިއެއް ނުވެ އެވެ. ވޯޓުން ރައްޔިތުންނަށް ގޮތްނިންމަން ލިބޭ ފުރުސަތުގައި ޝާމިލް ވުމަކީ ކުރިއަށް ދިއުމަށް ލިބޭނެ ފުރުސަތެކެވެ. އިންތިހާބީންނާއި މެދު ގޮތް ނިންމުމަށް ލިބޭ ވޯޓުގެ ފުރުސަތަކީ ރައްޔިތުން ވިސްނާ "ހަދިޔާ" އަށް ނޫނެކޭ ބުނެ އަމިއްލަ ވިސްނުމުގައި ރަށަށް، ގައުމަށް، މުޖުތަމައުއަށް ހެޔޮގޮތް އެދި ލެވޭ ވޯޓަކަށް ހެދުމަށް ތައްޔާރުވޭށެވެ.!ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ހިންގާ ކަންކަން ބަލަން ދުރުގައި ތިބި މީހުންނަށް ފެންނަ މަންޒަރު ތަފާތެވެ؛ އެ ދާއިރާގެ ރައްޔިތުންގެ މުހިއްމުވެގެން ކުރިއެރުން ހޯދައިދޭން ދައްކާ ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައި އެހެން ކަމެއް އެބައޮތެވެ. ކުއްލިއަކަށް މަޝްރޫއުތައް ވުޖޫދުކުރުމާއި ވެރިކަންތަކުގެ އިހުމާލުން ނުވެ ހުރި އެވެނި މިވެނި ކަމަކަށް ވަމުންދާ ވައުދުތަކުން ސާފުވާން ވެސް އޮތީ އެ ކަމެވެ. އެއީ ސިޔާސީ މޮޅެއް ހޯދުމެވެ. އެހެން ކަމުން އަންނަ އެޕްރީލް މަހުގެ ލިބޭ ވޯޓު ކަރުދާސް ކޮޅަކީ ސިޔާސީ ލީޑަރުންގެ ފަހަތުގައި ވަށައި އެނބުރޭ ބަޔަކަށްނުވެ އަމިއްލަ އިހްތިޔާރުގައި ބަސް އިއްވަން ރައްޔިތުންނަށް ލިބޭނެ ފުރުސަތެކެވެ، ތައްޔާރުވާށެވެ.! އަދި އެއް ވާހަކަ އެވެ.ވޯޓުދޭން ޖެހޭނީ ވަކި ޕާޓީއަކަށް ނޫނެވެ. ގާބިލް، އިންތިހާބުކުރި މަގްސަދު ހަނދާން ނައްތާނުލާނެ ކަމުގެ ޔަގީންކަން އޮތް ކެންޑިޑޭޓަކަށެވެ. އެއީ ރައްޔިތުންގެ ކެންޑިޑޭޓެވެ. އެއީ ފަހަރެއްގައި ވެސް "ސަރުކާރު" ކެންޑިޑޭޓެއް ނޫނެވެ. ގޮތް ނިންމާނީ ދިވެހި ރައްޔިތުންނެވެ. އިންތިހާބުގެ މޫސުންތަކުގައި އޮއްސާލާ ސަރުކާރުގެ ވައުދުތަކަށް ރައްޔިތުން މިހާރު ފަރިތަ އެވެ. އޭރެއްގައި އޮންނަ ސަރުކާރަކަށް އިދިކޮޅުން އިލްޒާމް އަޅުވަނީ ކީއްވެކަން ވެސް އެނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ