މާފަންނު މެދު ސަރުކާރަށް ނުނެގުނީ ކެމްޕެއިން ޓީމުން އަޅުގަނޑުގެ އެހީ ބޭނުން ނުވުމުން: އަސްމާ

ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބު ނުކުރެވުނީ، ޕީއެންސީގެ އެ ދާއިރާގެ ކެމްޕެއިން ޓީމުން އޭނާ ބާކީކޮށް، އޭނާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުކުރުން ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 400އެއްހާ ވޯޓުގެ ތަފާތަކުން އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ، އެމްޑީޕީ ކެންޑިޑޭޓް އައިޝަތު ހަންނަ އެވެ. އެގޮތުން:
ޕީއެންސީ ކެންޑިޑޭޓް އާސިޔަތު ރީސާ މުހައްމަދަށް ލިބުނީ، 570 ވޯޓު (%32)
އެމްޑީޕީ ކެންޑީޑޭޓް ހަންނައަށް ލިބުނީ، 943 ވޯޓު (%54)
ޖުމްލަ ވޯޓުލާން ނުކުމެފައި ވަނީ، 3،862 މީހުންގެ ތެރެއިން 2،118 މީހުން (%55)
ތަފްސީލު - އިންތިހާބުގައި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، އަސްމާ ސަރުކާރަށް ފާޑުވިދާޅުވެ، ވާހަކަ ދައްކާ އޯޑިއޯއެއް ވެސް ލީކްވެފައިވެ އެވެ. އަދި އޯޑިއޯ ލީކްވުމާ އެކު އަސްމާގެ އާއިލާގެ ދެ މެންބަރަކު މަގާމުން ވަކިކޮށްފައިވެ އެވެ. ވަކި ކުރި މީހުންގެ ތެރެއިން އދ.އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ އަސްމާގެ ކޮއްކޮ ޑރ. ސަލްމާ ރަޝިދުގެ ވަޒީފާ އަލުން ވަނީ އިއާދަކޮށްފަ އެވެ.
މިއަދު 'ދައުރު'އަށް ދެއްވި އިންޓަވިއުގައި އަސްމާ ވިދާޅުވީ، އޭނާ އަދިވެސް ހުންނެވީ ޕީއެންސީއާ އެކު ކަމަށާއި އިންތިހާބުގައި އެ ދާއިރާއިން ނާކާމިޔާބީވީ އޭނާ ބާކީކޮށް، އޭނާގެ އެހީތެރިކަން އެޕާޓީގެ ކެމްޕެއިން ޓީމުން ނުހޯދުމުން ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ:
ޕްރައިމަރީއަކާ ނުލާ އެ ދާއިރާގެ ޓިކެޓް ރީސާއަށް ދީފައި ވަނީ، އޭނާގެ އެއްވެސް މަޝްވަރާއެއް ނެތި ޕާޓީ ތެރެއިން ވަކި ބަޔަކު ބޭނުން ވެގެން؛ އަދި ޓިކެޓަށް ވާދަ ކުރި އެހެން ކެންޑިޑޭޓުންގެ ނަން ނެގުވި
ރީސާއަށް ޓިކެޓް ލިބުނު ހިސާބުން ވެސް، ދޭން ޖެހޭ އެހީތެެރިކަން ދޭނެ ކަމަށް ދެންނެވިން
"ނަމަވެސް ރީސާގެ ކެމްޕެއިން ޓީމުން އަޅުގަނޑުގެ އެހީއެއް ބޭނުން ނުވި. އަޅުގަނޑާ ގާތް މީހަކު ވެސް ކެމްޕެއިންނާ ކާއިރިވިޔަ ނުދޭން އޮތީ އަންގާފައި،" ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށްގެން ޓިކެޓް ހޯއްދެވި ހަމައެކަނި އަންހެން މެންބަރު އަސްމާ ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ ކެމްޕެއިންގެ އިސް ބޭފުޅަކަށް ޕީއެންސީން އައްޔަންކޮށްފައި ވަނީ ލޯކަލް ގަވަަމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް އެވެ.
އަސްމާ ތުހުމަތު ކުރެއްވި ގޮތުގައި ނިމާލް ވެސް އޮތީ އެހެން މަގުސަދެކެވެ.
"ނިމާލް ބޭނުންވީ ދެން އަންނަ މަޖިލީހުގައި އޭނާގެ ދަރިއެއް މި ދާއިރާގެ މެންބަރަކަށް ނެރެން. އެމީހުން ކުރީ އެ ކެމްޕެއިން. ކައުންސިލް ކެމްޕެއިން ނުކޮށް،" އަސްމާ ވިދާޅުވި އެވެ.
އަސްމާ ވިދާޅުވި ގޮތުގައި މިކަންކަމަކީ ރައިސްއަށް ވެސް އެނގިވަޑައިގަންނަވާނެ ކަންކަމެއް ނޫނެވެ.
"މި ދާއިރާގެ މެޖޯރިޓީ ރައީސްއަށް އަދި ވެސް ހޯދައިދެވޭނީ އަޅުގަނޑަށް. އަޅުގަނޑު ނުނިިކުތީމަ މި ފަހަރު މި ލިބުނީ ވަރަށް ބޮޑު ދެރައެއް. ޕާޓީއަށް ވެސް ގެއްލުމެއް. ދެން ވެސް މެޖޯރިޓީ ލިބެން އޮތީ އެންމެން އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތްކޮށްގެން،" އަސްމާ އިތުރަށް ވިދާޅުވި އެވެ.
ގުޅުން ހުރި - އެ ހަމަނުޖެހުންތަކުގެ ތެރެއިން އަސްމާ ޕާޓިން ވަކިކުރުމަށް ރައީސް އެންގެވި ކަމަށް ބުނެ އިއްޔެ ބައެއް މީޑީއާތަކުން ހަބަރު ފެތުރި އެވެ. އަސްމާ ވިދާޅުވި ގޮތުގައި އެފަދަ އެންގުމެއް ރައީސް އެންގެވިކަން އޭނާއަށް އެނގިފައެއް ނުވެ އެވެ. އެކަން ޕީއެންސީން ވެސް ދޮގު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ