އިރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް %25 މައްޗަށް ގޮސް، ފީފާއެއްގެ އަގު 119.50 ޑޮލަރަށް ވަނީ އަރާފަ އެވެ. މިއީ 2022 ވަނަ އަހަރުގެ މެދުތެރެއަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ހަމަ އެއާ އެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު ވެސް ވަނީ ފީފާއަކަށް 119.48 ޑޮލަރަށް އުފުލިފަ އެވެ. މިއީ ތާރީހުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު މިހާ ބޮޑަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، ތެޔޮ އުފެއްދުމާއި އުފުލުމަށް، ހާއްސަކޮށް ހޯރްމޫޒް ކަނޑުއޮޅި ފަދަ މުހިންމު ސަރަހައްދުތަކުން ދަތުރުފަތުރު ކުރުމަށް ދިގު މުއްދަތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތުމުން ބާޒާރަށް މި ބަދަލުތައް އަންނަނީއެވެ. އައިޖީ މާކެޓްގެ އެނަލިސްޓެއް ކަމަށްވާ ޓޯނީ ސައިކަމޯ ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތައް ހައްލުވާނެ ފަދަ ނިޝާނެއް ފެންނަން ނެތުމަކީ ބާޒާރުގެ ނުތަނަވަސްކަން އިތުރުވާ ސަބަބެކެވެ. އަދި މީގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުން ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުންނެވެ.
މި ސަރަހައްދުގެ ބައެއް ބޮޑެތި ގައުމުތަކުން މިހާރު ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފަ އެވެ. އައިއެންޖީގެ މާހިރުން ބުނާ ގޮތުގައި އިރާގު، ކުވެއިތު އަދި ޔޫއޭއީން ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ފަށާފައިވާއިރު، ތެޔޮ ރައްކާކުރާނެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް އުފެއްދުންތެރިންނަށް ވަނީ ސަޕްލައި މެދުކަނޑާލަން މަޖުބޫރުވެފަ އެވެ.
ތެލުގެ އަގު އުފުލުމާ ގުޅިގެން ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން، މެލޭޝިޔާގެ ޕާމް އޮއިލްގެ އަގު %9 އުފުލިފައިވާއިރު، ސޯޔާބީން އޮއިލްގެ އަގު ވަނީ 2022 ވަނަ އަހަރުގެ ފަހުން އެންމެ މަތީ މިންވަރަކަށް އަރާފަ އެވެ. މީގެ އިތުރުން ޒުވާރީގެ އަގުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ މެޓަލްތަކުގެ އަގަށް ވެސް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ. އެގޮތުން، އެލްމިނިއަމް ޓަނެއްގެ އަގު 3,544 ޑޮލަރަށް އުފުލިފައިވާއިރު، މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އަގު އެންމެ މައްޗަށް ދިޔަ ފަހަރެވެ. ގަތަރުގެ ގަތަލަމް އަދި ބަހްރެއިންގެ އެލްމިނިއަމް ބަހްރެއިން ފަދަ ކުންފުނިތަކުން ވަނީ ސަޕްލައި ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން ހާމަކޮށްފަ އެވެ.
އެމެރިކާ ޑޮލަރުގެ އަގު ވަރުގަދަވުމާއި ބޮންޑް ޔީލްޑް މައްޗަށް ދިއުމުގެ ސަބަބުން ރަނުގެ އަގު ވަނީ %2އަށް ވުރެ ބޮޑަށް ދަށްވެފައެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ހަކަތައިގެ އަގު އުފުލުމަކީ އިންފްލޭޝަން އިތުރުވެ، ކުރިއަށް އޮތް ތަނުގައި އިންޓްރެސްޓް ރޭޓް ކުޑަކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމެކެވެ.
ތެލުގެ އަގު %25 ބޮޑުވެ، 119 ޑޮލަރަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ