ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ނަޝީދު ތާއީދުކުރައްވައިފި
މައި ދެ އިންތިޚާބު ކަމަށްވާ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ. ސަރުކާރު ފަރާތުން މިއަދު ވަނީ ދެ އިންތިޚާބު އެއްކޮށްލައި، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފައެވެ. 'އެކްސް'ގައި ނަޝީދު ލިޔުއްވި ކުރު ޕޯސްޓެއްގައިވަނީ މައި ދެ އިންތިޚާބު އެއްކޮށްލައި، އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. https://x.com/MohamedNasheed/status/2007748256365986079 ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އެއާއެކު، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހަޅުއްވާފައިވެއެވެ. https://sun.mv/216256 ފާހަގަކުރެވޭ ގޮތުގައި ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އޭރު ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމުން ކަމަށެވެ. އެގޮތުން މަޖިލިސް އިންތިޚާބު ނިމުނުއިރު 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ