މުޅި ގައުމުގައި އޮތީ ވައްކަން، އެކަމަކު 'ހޭ އަރުވާލަނީ' ވަކި ބަޔަކު އެކަނި: ޣަފޫރު
މުޅި ގައުމުގައި އޮތީ ވައްކަން އާންމުވެފައި ކަމަށާއި އެކަމަކު ގާނޫނު ތަންފީޒުކޮށް 'ހޭ އަރުވާލަނީ' ވަކި ބަޔަކު ކުށެއް ކުރީމާ އެކަނި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހަދައި، ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޣަފޫރު ވިދާޅުވީ، ޖުވާކުޅުން އެއީ މަނާކުރަންޖެހޭ ކަމެއް ކަމަށާއި އެންމެން ވެސް އެ ކަމަށް ތާއީދުކުރާނެ ކަމަށެވެ. އެ ކަމާ އެމްޑީޕީން ވެސް ދެކޮޅު ނޫން ކަމަށާއި މައްސަލައަކީ ދައްކާ ވާހަކައާއި މަންޒަރާ ދިމާނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. https://sun.mv/215009 "ގާނޫނުން ހުރިހާ ކަމެއް މަނާކޮށްފައި، ބޭނުންވާ މީހާ އެކަން ކުރީމާ އެ މީހާ ހިފާ ހައްޔަރުކުރުމަށް ކަންކަން ބަދަލުކުރަމުން މި ދަނީ. މި ނޫން އެއްވެސް ކަމެއް ކުރާކަށް ނޫން އިއްޒަތްތެރި ރައީސް މި އުޅެނީ،" މަޖިލީހުގައި ވެސް 'ކުށްވެރިން' ތިބި ކަމަށް ތުހުމަތުކުރައްވާ އޭނާ ވިދާޅުވިއެވެ. "ބޭނުންވާ މީހާ އަތަށް އެރީމާ އެ މީހާ ހޭ އަރުވާލާނީ. އެ ބޭނުން ފުއްދަމުން މި ދަނީ،" ޣަފޫރު ވިދާޅުވީ، މުޅި ގައުމުން މިއަދު ފެންނަނީ ވައްކަމާއި ފޭރުމާއި ރައްޔިތުންނަށް އަނިޔާކުރުން ކަމަށެވެ. ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މެދުގައި އޮތް ހަމަޖެހުން ގެއްލުވާލައި، ދައުލަތް ބޭނުންކޮށްގެން ކޮރަޕްޝަން ހިންގާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. އެ ގޮތުން، މި ގާނޫނުގެ ބޭނުމަކީ ވެސް ވޯޓު ހޯދުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ: ވައްކަމާ ދެކޮޅަށް އޭނާ ވަނީ ވާހަކަދައްކަވާފައި -- ފޮޓޯ/ މަޖިލިސް ވައްކަމާ ދެކޮޅަށް ވަރަށް އަޑުހަރުކޮށް ވާހަކަދައްކަވާ ޣަފޫރު ވިދާޅުވީ، މިހާތަނަށް މި ގައުމުގައި ހިންގި ވައްކަންތަކުގެ ސަބަބުން ލިބުނު ގެއްލުން ހިސާބު ޖަހަން ވެސް ނޭނގޭ ކަމަށެވެ. މިދިޔަ އަހަރު އެކަނި ވެސް ވައްކަމުގެ ތެރެއިން ދެ ބިލިއަން ރުފިޔާ ގެއްލުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެ ވައްކަމުގެ ތަފުސީލަށް ވަޑައެއް ނުގަންނަވައެވެ. "ގާނޫނެއް ތަންފީޒެއް ނުވޭ މި ގައުމަކު. ގާނޫނެއް ނުހިނގާ މި ތާކު. ގާނޫނު ހިނގަނީ ގާނޫނު ހިންގަން ބޭނުންވާ މީހާގެ މައްޗަށް،" ވަކި ބަޔަކު ކުށްކުރީމާ އަދަބު ނުދެވޭކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވިއެވެ. "ސަރުކާރުން ބޭނުންވާ ބަޔަކު ކުޅެންވީ ޖުވާ ވެސް. ވައްކަން ވެސް ކުރަންވީ. ކޮރަޕްޝަން ވެސް ހިންގަންވީ. އެއީ ވަކި ބަޔަކަށް ހުއްދަ ކަމެއް. އެ އުސޫލުން ކަންކަން ދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ،" https://sun.mv/213826 އޭނާ ވިދާޅުވީ، ދައުލަތުން 'ހެސްކިޔާފައި' ވައްކަން ކުރި މީހުން މަގުމަތީގައި 'ހަމަ އެ ތިބަ އުޅެނީ' ކަމަށާއި އެއީ ގައުމެއްގެ ހައިސިއްޔަތުން ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ކަންކަމާ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޮންމެ ސަރުކާރަކުން ވެސް ވައްކަމާއި ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު އަބަދު ވެސް ކުރެއެވެ. އެކަމަކު، އެ ފަދަ މައްސަލަތައް ވަރަށް މަދުން ނޫނީ ނުބެލެއެވެ. މި ސަރުކާރަށް ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެއެވެ. އެކަމަކު، ނިސްބަތުން ވަރަށް މަދު މައްސަލައެއްގައި ނޫނީ ފިޔަވަޅެއް ނާޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ