އައްޑޫސިޓީގެ ސަވާހިލީ ރަށުގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްގީކޮށް، ހިންގައި އަދި ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން، މި މަޝްރޫޢަކީ ސަވާހިލީ ރަށުން 79,753.74 އަކަމީޓަރު (858,462.11 އަކަފޫޓު) ގެ ބިމާއި، އެ ރަށާ ގުޅިފައިވާ ފަޅުގެ ސަރަހައްދު ކުއްޔަށް ދޫކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 50 އަހަރުގެ މުއްދަތަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ބީޗް އޭރިއާއެއް ހަދައި ބެލެހެއްޓުމާއި، ސަވާހިލީއަށް އާންމުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވޯޓާ ސްޕޯޓްސް އާއި މެރިން ރިކްރިއޭޝަން ހަރަކާތްތައް ތައާރަފުކުރުން ހިމެނެއެވެ. މީގެ އިތުރުން ސްވިމިން ޕޫލެއް ތަރައްގީކުރުމާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތަކުގެ އިތުރުން ފާހާނާއާއި ފެންވެރޭނެ އިންތިޒާމުތައް ހިމެނޭހެން އާންމު ހިދުމަތްތައް ގާއިމުކުރުމާއި ކާބޯތަކެތީގެ ހިދުމަތް ދެވޭނެ ތަންތަން ހެދުން ހިމެނެ އެވެ.
މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ.
ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ޖުލައި 30 ގެ ނިޔަލަށް، ހުޅުވާލާފައެވެ. ބިޑް ޑޮކިއުމަންޓް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރަންޖެހެ އެވެ.
ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 15,000 ދިވެހި ރުފިޔާއަށެވެ. އަދި ބޭރުގެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 1,000 އެމެރިކާ ޑޮލަރަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 9، 2026 ވާ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ ސެޕްޓެމްބަރު 17، 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގަ އެވެ.
ސަވާހިލީ ތަރައްގީކުރަން މިދިޔަ އަހަރު ވެސް ބީލަމަށް ލިޔެވެ. ނަމަވެސް އެފަހަރު އެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.
ސަވާހިލީގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްގީކުރަން އަލުން ބީލަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ