ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނ. ޒޯނުގެ ޗެމްޕިއަންކަން، ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން ހޯދައިފި އެވެ.
ޖުމްލަ ހަ ޓީމެއް ކުޅުނު ނޫނު ޒޯނުގެ ފައިނަލުގައި ވެލާ އިން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ، ލީގު ބުރުގައި ޝެވަލް ބްލޮންކް ރަންދެލިއާ ކުޅެގެންނެވެ. ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ވެލާ އިން އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި، ސޮނޭވާ ޖާނީ މޯލްޑިވްސް އަތުން މޮޅުވީ 4-1 އިންނެވެ.
ސޮނޭވާ ޖާނީން ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ ދެ ވަނަ ހޯދައި، ސެމީ ފައިނަލުގައި، ލީގު ބުރުގެ ތިން ވަނަ ހޯދި ރޮބިންސަން ނޫނު 5-2 އިން ބަލިކޮށްގެންނެވެ.
ނޫނު ޒޯނުގެ މެޗުތައް، ސިޔާމް ވޯލްޑްގައި ކުރިއަށްދިޔައިރު، އިއްޔެގެ ފައިނަލުގައި، ވެލާގެ އަހުމަދު އިމްތިނާހު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އަލީ ރާޒީ އާއި އަހުމަދު އިމްރާން އެވެ. ސޮނޭވާ ޖާނީގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ރަމީޒު އެވެ.
މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެލާގެ މުހައްމަދު ޒާހިދު ސައީދު އެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަހުމަދު ނަސީމް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ހަތަރު ލަނޑު ޖެހި ސޮނޭވާ ޖާނީގެ ހުސެއިން ޝައްފާހު އެވެ.
މި ޒޯނުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި، ވެލާ އިން ހިމެނެނީ، އަހުމަދު ޝާފިއު، ހަސަން އަބްދުލް ޖަލީލް އަދި އިމްރާން އެވެ. އަދި، ސޮނޭވާ ޖާނީން ހިމެނެނީ، އަލީ ޝިޔާޒް އާއި އިބްރާހިމް ނިޔާޒް އެެވެ.
ރިސޯޓް ލީގުގެ ނ. ޒޯނުގެ ޗެމްޕިއަންކަން ވެލާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ