ލަންކާ ގާތިލު ހިފެހެއްޓީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހި ފުލުހުން

ލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަންހެނުންގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ 23 އަހަރުގެ ޒުވާނާ ހިފެހެއްޓީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ދިވެހިން ފުލުހުން މިއަދު ބުނެފި އެވެ. 
ފުލުހުން ބުނީ ލަންކާގެ އެ ގާތިލު ބަހުރައިނުން ރާއްޖެ އަންނަކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއެކު، އޭނާ ރާއްޖެ އައުމާއެކު ހިފަހައްޓައި ލަންކާއަށް ފޮނުވާލީ ކަމަށެވެ. 
"ބަހްރެއިން އިން ރާއްޖެއަށް އަންނަ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުމާ ގުޅިގެން، އެފަރާތް ރާއްޖެއަށް ދަތުރުކުރުމުން، ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން، 4 ޖުލައި 2026 ގައި އެ މީހާ ވަނީ ރާއްޖެއިން، އަނބުރާ ސްރީލަންކާއަށް ފޮނުވާލާފައި،" ފުލުހުން ބުންޏެވެ. 
ލަންކާގެ ފުލުހުން ބުނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހުކުރު ދުވަހު އެ މީހާ އައުމާއެކު، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން އޭނާ ހައްޔަރު ކުރި ކަމަށެވެ. 
ފުލުހުން ބުނި ގޮތުގައި، އެތްކަންދުރާއަށް ނިސްބަތްވާ މި ޒުވާނާއަކީ ފެބްރުއަރީ 13 ވަނަ ދުވަހު ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދީ މަރާލި މައްސަލައިގައި ހޯދަމުން ދިޔަ މީހެކެވެ.
އޭނާ އެއާޕޯޓަށް އައުމާއެކު ފަސޭހައިން ހައްޔަރުކުރުމަށްޓަކައި، އެއާޕޯޓުގެ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ސިސްޓަމަށް އޭނާގެ މައުލޫމާތު ކުރިން އޮތީ ފޯރުކޮށްދީފަ އެވެ. އެއީ ރާވައިގެން ކުށްކުރާ ގްރޫޕެއްގެ މީހެއް ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި، 2025 ގެ އޮކްޓޯބަރު މަހު ގަވާއިދާ ހިލާފު މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ވެސް ފުލުހުން  އޭނާ ހައްޔަރުކުރި އެވެ. އެ ދެ ފަހަރު ވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ޖޫރިމަނާކޮށްފަ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ކަމަށް ލަންކާ ފުލުހުންނާ ހަވާލަދީ އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ