އަދާލަތު ޕާޓީއަށް ބާރުލިބޭ ދުވަހަކުން އެކަމާއި އެންމެ އުފާކުރާނީ އައްޑޫ ރައްޔިތުން ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު ޝެއިޙް މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ އެ ޕާޓީން ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއަށް ބާރު ލިބިގެންދަ ވަގުތު އެކަމައި އެންމެ އުފާކުރާނީ އައްޑޫ ރައްޔިތުން ކަމަށެވެ.
"އަޅުގަޑުމެން މިއައީ އައްޑޫ ބަނޑުން ވިހޭ ދަރިއެއްގެ ގަޔަށް ލޭއަޅަން. އަދާލަތު ޕާޓީ އަށް އެއް އަތޮޅަކުން އެއް ރަށަކުން އެންމެ ގިނަ މަސައްކަތް ކޮށްދެއްވީ މި ބިމުން. އެހެންވެ އަޅުގަޑުމެން މިތިބީ މިދަރީގެ ލޭ އަޅަން އައިސް" ޝަޙީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އައްޑޫގެ 33 މިސްކިތެއް މަރާމާތު ކުރުމަށް މިލިއަނެއްހާ ރުފިޔާ ހަމަޖެއްސި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފުރިހަމަ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އައްޑޫގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލް މެދުވެރިކޮށް ނުކުރެވިގެން އަޅުގަޑުމެންވާނީ ކުުރީގެ ބްރިގޭޑިއާރ ޖެނެރަލް އިބްރާހިމް ދީދީގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފައި. އެ ބޭފުޅާ އިސްތިއުފާ ދެއްވި ހިސާބުން ސައުދީ ކިޔާ ބޭފުޅެއް އެކަމާއިގެން އުޅުއްވީ. އަޅުގަނޑުމެންނަކަށް ފަހުން އެކަން ހިގައި ދިޔަ ގޮތެއް ނޭގޭ". ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއަކީ ވެސް ރާއްޖޭގެ ވެރިކަންކުރެވޭ ފަދަ ގާބިލްކަން ހުރި ޕާޓީއެއް ކަމަށާއި މިއަދުން ފެށިގެން އެ ޕާޓީއަކީ "ސަޕޯޓިން ޕާޓީއެއް ނޫން" ކަމަށާއި އެއީ "ލީޑިން ޕާޓީއެއް" ކަމަށެވެ. ޝަހީމް ވިދާޅުވީ ކުރިމަގުގައި އަދާލަތީ ވަކި މީހަކަށް ތާއީދުކޮށްފައި، ވަކި ޕާޓީއަކަށް ތާއީދުކުރަމުންދާ ޕާޓީއަކަށް ނުވާނެ ކަމަށެވެ.
އޭގެ ބަދަލުގައި އެ ޕާޓީން ތާއީދުކޮށް ކޯލިޝަން ހަދާނީ މެނިފެސްޓޯއަކާ އެކު ކަމަށް ޝެއިހް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހޭބުއްދި ފިލާފައި ތިބި ބަކަށް ވެރިކަންކުރެވޭ ނަމަ އަދާލަތު ޕާޓީ އަށް ވެރިކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއަކީ އައްޑޫގެ ތަރައްޤީ އާއި ކުރިއެރުމަށް މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާ އަދި ކުރިމަގުގައި ވެސް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށެވެ. އެކަމަށް ހެކި ދައްކަވަމުން ޝެއިހް ޝަހީމް ވިދާޅުވީ "މިސްކިތް ފަންޑުން" މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްފައި ވާނީ ވެސް އައްޑު އަށް ކަމަށެވެ.
ރޭގެ ޖަލްސާގައި ޝަހީމްގެ އިތުރުން އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވާހަކަ ދެއްކެވި އެވެ. އެގޮތުން ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި، އަސަދުއްﷲ ޝާފީގެ އިތުރުން ޝެއިހް އިލްޔާސް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލްސާ ހިނގަމުން ދިޔަ ވަގުތު ޕާޓީ އަށް ސޮއި ކުރުމުގެ މަސައްކަތްވެސް ހިގަމުންދިޔައެވެ.
"އަދާލަތަށް ބާރު ލިބޭ ދުވަހަކުން އެންމެ އުފާ ކުރާނީ އައްޑޫ ރައްޔިތުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ