އިންޑިއާ ސަރުކާރުން ނަގާފައިވާ ލޯނުގެ ދަށުން ދައްކަންޖެހޭ 50 މިލިޔަން ރުފިޔާ އަންނަ ސެޕްޓެންބަރު މަހު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ނިމިދިޔަ ދައުރުގެ ތެރޭގައިވަނީ އިންޑިއާ ސަރުކާރުން 150 މިލިޔަން ޑޮލަރުގެ ލޯނެއްވަނީ ނަގާފައެވެ.
ޕްރެސަރ ވިތު ދަ ސްޕޮކްސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ނިމިދިޔަ ދައުރުގެ ތެރޭގައި، ބޭރުގެ އެކި ޤައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށެވެ. އެގޮތުން އިޤްތިޞާދީގޮތުން ދަތި ދަނޑިވަޅެއްގައި، އިތުރު ދަރަނި ނުނަގާ ބިލިއަނެއްހާ ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާކަމަށް ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވީ، މިއަދު ފެނިގެންދާ ހަގީގަތަކީ ދަރަނި ދެއްކުމުގައި ރާއްޖެއިން ޒިންމާދާރު ކަމާއެކު ޢަމަލުކުރަމުންދާތަންކަމަށެވެ.
"ސަރުކާރުން މިހާރު މިމަސައްކަތްކުރަނީ، ސެޕްޓެންބަރުގައި އެއޮންނަ މުއްދަތުގައި ބާކީ އޮތް 50 މިލިޔަން ދައްކަން. އަޅުގަނޑުމެންގެ ނިޔަތަކީ ދެއްކުންކަމަށްވީއިރު އެދެއްކީމާ، އަޅުގަނޑުމެން އެބޮރޯކުރި ފަރާތުން އަޅުގަނޑުމެންނާ މެދު ދެކޭގޮތްވެސް އެބަ ރަނގަޅުވޭ. އަދި އަޅުގަނޑުމެންނަށް މުސްތަޤުބަލުގައިވެސް ޒިންމާދާރުކަމާއެކު އެފަރާތްތަކާއެކު ތަރައްޤީގެ މަސައްކަތްތައްކުރެވޭނެ." އިސް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ، ރާއްޖެއިން ނަގާފައިވާ ލޯނަކާއި ގުޅިގެން ތަރައްޤީއާއި ގުޅުންހުރި އެއްވެސް މަޝްރޫޢެއް ހުއްޓިގެން ނުދާނެކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މާލީ ޙާލަތާއި އިޤްތިސާދު ހަރުދަނާކުރުމަށް މަސައްކަތް ކުރުންކަމަށެވެ. އަދި އެކަމުގައިވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ފާހަގަކުރެއްވިއެވެ.
އިންޑިއާ ލޯނުގެ ބާކީ 50 މިލިޔަން ރުފިޔާ ސެޕްޓެންބަރު މަހު ދައްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ