މަޖިލީހުން ނުކުންނަވާ ފޮޓޯއަކާއެކު އާދަމް ޝަރީފު ޝުކުރު ދާއިރާގެ ރައްޔިތުންނަށް

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރި ދާއިރާ ތަމްސީލުކުރެއްވުމުގެ ފުރުސަތު ފަސް އަހަރު ވަންދެން ދެއްވި ކަމަށްޓަކައި ދާއިރާގެ ރައްޔިތުންނަށް އެ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ޝުކުރު އަދާކުރައްވައިފިއެވެ.
އާދަމް ޝަރީފަކީ މާދަމާ އެކުލަވައިލާ އާ ސަރުކާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރެވެ. އެ މިނިސްޓްރީއަކީ މުޅިން އަލަށް އުފައްދަވާ މިނިސްޓްރީއެކެވެ. ލޯކަލް ގަވަނަންސް އަށް ހާއްސަ މިނިސްޓްރީއެއް އުފެއްދެވުމަކީ އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
"ފަސް އަހަރު މަޖިލީހުގައި އުޅުމަށް ފަހު މަޖިލިސް ދޫކޮށް މިދަނީ. އަޅުގަނޑަށް މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރުވެރިވަން. ކުރެވެނީ އުފާވެރި އިހްސާސްތަކެއް" މަޖިލީހުން ނުކުންނަވާ ފޮޓޯއަކާއެކު މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ އާދަމް ޝަރީފު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވިއެވެ.
މާދަމާ ރައީސްކަމުގެ ހުވާ ކުރައްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ޓިކެޓުގައެވެ. އެ މަނިކުފާނަކީ މިހާރު ޕީއެންސީގެ ރައީސް ވެސް މެއެވެ. މަޑުއްވަރީ ދާއިރާ ކަމަށް އިންތިހާބުވުމުގެ ކުރިން 2013 އިން 2018 ވަނަ އަހަރަށް އާދަމް ޝަރީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ރިޔާސީ ޓިކެޓަށް ޕީއެންސީގެ ތެރެއިން ޑރ. މުއިއްޒާ ވާދަކުރެއްވީވެސް އާދަމް ޝަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ