ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސްކަމަށް ދެވަނަ ދައުރަކަށް އަބްދުالله ނަޝީދު!

ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޖީއެޗްއޭއެމް) ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އަބްދުالله ނަޝީދު (ކާނި އަބްދުالله) އިންތިހާބުކޮށްފިއެވެ.
އިއްޔެ މާގިރި ހޮޓެލްގައި ކުރިއަށް ގެންދިޔަ އެންޖީއެޗްއޭއެމް ގެ އަހަރީ އާންމު ޖަލްސާގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުالله ނަޝީދު (ކާނި އަބްދުالله) އެ މަގާމަށް އައްޔަންކުރެއްވީ، ޖަލްސާ އަށް ހާޒިރުވި 29 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓުންނެވެ. 
އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އިންތިހާބުގައި ހިންގާ ކޮމިޓީއަށް އިތުރު ފަސް މެންބަރުންނާއި އެކްސްކޯގެ އަށް 8 މެމްބަރުން ވަނީ އިންތިހާބުކޮށްފަ އެވެ.
Advertisement
ހިންގާ ކޮމިޓީއަށް އިންތިހާބު ކުރި މެމްބަރުންނަކީ:- އަހުމަދު ވަހީދު (ނޫމޫ ގެސްޓް ހައުސް) - ނައިބު ރައީސް
- އަބްދުލް ސަމީއު އިމާދު (ގުމްބަރު އިން) - ނައިބު ރައީސް
- އަހުމަދު ނަސީރު (ވައިޓް ޝެލް) - ކޯޕަރޭޓް އެފެއާޒް
- ހަސަން އަލި މަނިކު (ކޮކަނަޓް ޓްރީ) - ފައިނޭންޝަލް ކޮންޓްރޯލާ
- އަހުމަދު އާލް ނަސީރު (ކާނި ވިލެޖް) - ޕީއާރް އެންޑް މާކެޓިން
އެ ޖަލްސާގައި ވާހަކަ ދައްކަމުން އަބްދުالله ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި މަދަނީ ޖަމިއްޔާތައް ހަދާފައި ހުންނަ މައިގަނޑު ބޭނުމަކީ އެކި ސަރުކާރުތަކުން އިންޑަސްޓްރީއަށް ދަތިވާ ގޮތަށް އަޅާ ފިޔަވަޅުތަކަށް ހައްލު ގެނައުމަށް ސަރުކާރުގެ އިސްވެރިންނާ ވާހަކަ ދައްކައިގެން ކަންކަމަށް ހައްލެއް ހޯދުން ކަމަށެވެ.
އެގޮތުން އެ އެސޯސިއޭޝަނުން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އަހަރު ގެސްޓް ހައުސްތައް މާކެޓް ކޮށްދިނުމަށް ގެސްޓްހައުސް ތަކުގެ ފޮޓޯ އާއި މައުލޫމާތް ހިމެނޭ މެގަޒިން އެއް ނެރެ ބޮޑެތި ފެއާތަކުގައި ބެހުމަށް ވަނީ ނިންމާފަ އެވެ.
އެއާއެކު އެންމެ ގިނައިން ގެސްޓް ހައުސް ހިންގާ ރަށްރަށައް އެސޯސިއޭޝަންގެ ޓީމެއް ޒިޔާރަތްކޮށް ގެސްޓްހައުސްތަކުގެ ވެރިންނާ ބައްދަލުކޮށް ކުރިއަށް ދާން ބޭނުންވާ މައުލޫމާތު ދިނުމުގެ ދަތުރުތަކެއް އަންނަ އަހަރު ފަށަން ވެސް ވަނީ ނިންމާފަ އެވެ.
އަންނަ އަހަރު ޔޫއެންޑީޕީ އާއި ޔޫއެސް އެއިޑް އަދި ޔޫރަޕިއަން ޔޫނިއަން ފަދަ ޖަމިއްޔާތަކާއި ގާތް ގުޅުމެއް ބާއްވައި ގެސްޓްހައުސްތަކަށް މާލީ އެހީ ހޯދުމަށް ވެސް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީގެ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަން މި މަހުގެ ތެރޭ ހިމަނައި، ބޮޑެތި ފެއާތަކުގައި އެސޯސިއޭޝަންގެ ކައުންޓަރެއް ބަހައްޓަން ނިންމާފައިވާ ކަމަށާއި އަންނަ ޖެނުއަރީން ފެށިގެން އެސޯސިއޭޝަންގެ އޮފީހެއް މާލޭގައި ގާއިމު ކުރައްވާނެ ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް ވެސް އަބްދުالله ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ