ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު ނިންމަވައިފި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އުމަރު ނަސީރު އިއުލާންކޮށްފައިވަނީ އެމަނކިފާނު ކުރެއްވި ޓްވީޓެއްގައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތްގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ގައުމުގެ އިސްފަރާތްތަކުގެ ތާއީދު އޭނާއަށް ލިބޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ޕުރައިމަރީއަކަށް ފުރުސަތު ހުޅުވާލައިފިނަމަ ވާދަކުރައްވާނެ ކަމަށެވެ.
އަދި ޕީޕީއެމް ތެރެއިން އެ ފުރުސަތު ނުލިބިއްޖެ ނަމަ އަމިއްލަ ގޮތުންވެސް ވާދަކުރައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސްލޯގަން އަކީ "އަމާނަތްތެރިކަން " ކަމަށެވެ.
ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ވީޓީވީގެ މެހެމާންސަރާގައި ވަހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ވާދަކުރައްވާނީ 2023 ގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ޔާމިން އަށް ތާއިދު ކުރައްވާމެކަމަށް އުމަރު އޭރު ވިދާޅުވިއެވެ.
އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޕުރައިމަރީއަކާއި ނުލައި ރައީސް އަބްދުﷲ ޔާމީންއަށް ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެކަމަކު އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.
އުމަރު ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާ އެކުް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ.
އަދި ރައީސް މައުމޫނަސް ސިޔާސީ ލަފާ ދެއްވުމަށް އެމަނިކުފަނު އެކުލަވާލި ކޮމިޓީގައިވެސް އުމަރު ނަސީރު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ