އިސްރާއީލުގެ އުދުވާނީ ފުލުހުން ފަލަސްތީނު ދެމީހުން ޝަހީދު ކޮށްލައިފި

އިސްރާއީލު ފުލުހުންނަށް ހަމަލާދޭން އުޅުނު ކަމަށްބުނެ ފަލަސްތީނު ދެމީހެއްގެ ގަޔަށް ބަޑިޖަހާ މިއަދު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އުދުވާނީ ފުލުހުން ފަލަސްތީނު ދެމީހެއްގެ ގަޔަށް ބަޑިޖެހީ، އިރުމަތީސް ގުދުސްއާއި ހުޅަނގު އައްސޭރިއާ ދެމެދު އިސްރާއީލުން ގާއިމްކޮށްފައި ހުރި ގަލަންދިޔާ ޗެކްޕޮއިންޓް ކައިރިންނެވެ.
އިސްރާއީލުން ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ ފަލަސްތީނުގެ އަންހެނަކާއި ފިރިހެނެކެވެ. އެމީހުންގެ ގަޔަށް ބަޑިޖެހީ ފުލުހުންނާއި ދިމާއަށް "ވަޅިއެއް އެއްލުމުން" ކަމަށް އިސްރާއީލުގެ އުދުވާނީ ފުލުހުންގެ ތަރުޖަމާނު ބުނެފައި ވެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލު ފުލުހުން ބަޑިޖަހާ ޝަހީދު ކޮށްލާފައިވާ އަންހެން މީހާއަކީ އުމުރުން 23 އަހަރުގެ މަރްޔަމް އަބޫ އިސްމާއިލް ކަމަށެވެ. ނަމަވެސް، ފިރިހެން މީހާއަކީ ކާކުކަމެއް އަދި ސާފު ނުވާކަމަށް ބުނެއެވެ.
މަންޒަރު ދުށް، އަލާ ނަމަކަށްކިޔާ ފަލަސްތީނު މީހަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފަލަސްތީނު ދެމީހުން އިސްރާއީލު ޗެކްޕޮއިންޓާ ދިމާއަށް އަންނާން ފެށުމުން، އަނބުރާ ދިއުމަށް އިސްރާއީލު ފުލުހުން ހަޅޭލަވަމުން ދިޔަކަމަށެވެ. އަދި ފަލަސްތީނު ދެމީހުން ހަދާނެގޮތެއް ނޭނގިގެން އުޅުނު ކަމަށްވެސް މަންޒަރުދުށް މީހާ ބުނެފައި ވެއެވެ.
"އެމީހުން (އިސްރާއީލު ފުލުހުން) ފުރަތަމަ ބަޑިޖެހީ އަންހެންމީހާގެ ގަޔަށް. ދެން ފިރިހެންމީހާ އުޅުނީ ހަދާނެގޮތެއް ނޭނގިގެން. އޭނާ އަނބުރާ ދާންފެށުމުން އޭނާގެ ގަޔަށްވެސް ބަޑިޖެހީ" އަލާ ކިޔައިދިނެވެ.
މިހާދިސާއާ ގުޅިގެން ފަލަސްތީނުގެ އާންމުންވަނީ އެސަރަހައްދަށް އެއްވެފައެވެ. ފަލަސްތީނު މީހުން ދުރުކުރުމަށްޓަކައި އިސްރާއީލު ސިފައިން އެތަނަށްގޮސް ފަލަސްތީނު މީހުންނާ ދިމާއަށް ކަރުނަގޭސް ދަޅުތައް އުކާފައި ވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު މީހުންނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 203 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ "ވަޅިއެއް" ހިފައިގެން ހުރިކަމަށްބުނެ ހަމަލާދީ ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ޒުވާން ކުދިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ