މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސަސް ކުންފުނި ނޫން އެހެން ބަޔަކާ ހަވާލުނުކުރުމަށް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު އެމްޕީއެލް ހައިކޯޓުގައި އިސްތިއުނާފް ކޮށް މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ.
އެމްޕީއެލްގެ ފަރާތުން އެ އަމުރު މުރާޖާ ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އަމުރު މުރާޖާ ކުރުމަށްފަހު ނެރުނު ސިވިލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، އެމްޕީއެލް އަށް ތެޔޮ މެރީޑިއަމް ސާވިސް ނޫން އެހެން ބަޔަކަށް ސަޕްލައިކުރަން ނުދިނުމަށް ނެރުނު އަމުރު "ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް މިހިނދު ފާޅުވެފައި ނެތް" ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި މުރާޖާއާ ހުކުމުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައިވަނީ، އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމްއާ ހަވާލުކޮށްފައިވަނިކޮށް އެހެން ފަރާތަކާ ހަވާލުކޮށްގެން ތެޔޮ ސަޕްލައި ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި މެރީޑިއަން ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު މުރާޖާ ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އެ އަމުރު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން އެމްޕީއެލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުމާފް ކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ އެއް އަޑުއެހުން ހައިކޯޓުން ބާއްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެމްޕީއެލް އިން ސިވިލްކޯޓުގެ އަމުރު އިސްތިއުނާފުކުރީ އެ އަމަރުގެ ސަބަބުން ކުންފުންޏަށް މަހަކު 300،000 ރުފިޔާ، އަހަރަކު 3.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭނެތީ އެ ބޮޑު ގެއްލުމުން ކުންފުނި ސަލާމަތް ކުރުމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު މިއަދު ވިދާޅުވީ މެރީޑިއަމް ކުންފުންޏާއިއެކު މިއަހަރުގެ އެޕްރިލް މަހު އެއްބަސްވުން ހަދާފައިވަނީ ސަރުކާރުގެ އުޞޫލުތަކާއި ޚިލާފަށް ބިޑް ކުރުމަކާއިވެސް ނުލައި ކަމަށެވެ. އަދި އެއްބަސްވުމުގައި އެމްޕީއެލްއަށް ބޭނުންވާ ހުރިހައި ތެލެއް ގަންނަން ޖެހޭނީ މެރީޑިއަމުން ކަމަށް ބަޔާންކޮށްފައި ވެސް ނެތް ކަމަށެވެ. "އެއިގައި އޮންނާނީ ތެޔޮ ބޭނުންވެގެން ޕީއޯ ފޮނުވީމާ ސަޕްލައިކުރަން. އެހެންވީމާ މެރީޑިއަމުން ތެޔޮ ގަތުމާއި ނުގަތުމުގެ އިޚްތިޔާރު އޮތީ އެމްޕީއެލްއަށް. އެއީ އެމްޕީއެލް އެކަމުގައި ބަނދެވޭ ގޮތަށް ވެފައިވާ އެއްބަސްވުމެއް ނޫން.''
ޖުނައިދު ވިދާޅުވީ އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވައިލުމުން 90/6 އަށް ލިޓަރެއް ވިއްކަން ހުށަހަޅާފައިވާ ކަމަށާއި މެރީޑިއަމުން އެކުންފުންޏަށް ސަޕްލައި ކުރަނީ ލިޓަރެއް -/12 ރުފިޔާއަށް ކަމަށެވެ.
"އެބުނާ އެއްބަސްވުމުގައި އެބައޮތް ބަޔާންކޮށްފަ. ތެލުގެ އަގަށް ބާޒާރުގަ އަންނަ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް. ނަމަވެސް މިހައިވަރަށް ތެޔޮ އަގުހެޔޮވީމާ ވެސް އެމްޕީއެލްއަށް ތެޔޮ ވިއްކާ އަގު ހެވެއް ނުވޭ. އަގުހެޔޮކުރަން އެދި ސިޓީއެއް ފޮނުވީމާ އެއަށް ޖަވާބެއްވެސް ނުލިބޭ. ބިލް ހަދަނީ 12 ރުފިޔާއަށް"
ޖުނައިދު ވިދާޅުވީ އެމްޕީއެލް ހިންގެވުން އޭނާއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ޚަރަދުތައް ވީހައި ކުޑަކޮށް އަދި ކުންފުންޏަށް ވީހައި ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ކުންފުނި ހިންގަވަން ކަމަށެވެ.
ޖުނައިދު ވިދާޅުވީ މެރީޑިއަމުގެ ވެރިފަރާތަކީ ޕީޕީއެމްގެ ޕީޖީ ފްރޫޕުގެ ޑިޕިޔުޓީ ލީޑަރު، ރިޔާޟް ރަޝީދު ކަމަށްވާނަމަ އެކަމަކީ އެކަމުގެ ސަބަބުން އެތައް މިލިއަން ރުފިޔާގެ ބޮޑު މާލީ ގެއްލުންތައް އެމްޕީއެލްއަށް ލިބެންޖެހޭނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިމައްސަލަ އިސްތިއުނާފު ކުރައްވައި އެމްޕީއެލްއަށް ލިބެންޖެހޭ ހައްޤުތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވުމަކީ އެކަމުގެ ސަބަބުން ސިޔާސީ އެއްވެސް ޕްރެޝަރެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.
"އަޅުގަނޑު މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. މިއަޅަނީ ސިޔާސީ ފިޔަވަޅެއްވެސް ނޫން. އަޅުގަނޑު މިކުރާ މަސައްކަތަކީ އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާ ހިންގަން ހަވާލުކުރެއްވި ސަރުކާރުގެ ކުންފުނި، އެމްޕީއެލްއަށް ލިބެމުން އަންނަ ބޮޑު ގެއްލުމަކުން ކުންފުނި ސަލާމަތްކުރުމުގެ މަސައްކަތް. އެ މަސައްކަތަކީ އަޅުގަނޑު ކުރަންޖެހޭނެ މަސައްކަތެއް." ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.
ޖުނައިދުގެ އަމިިއްލަފުޅު ބައެއް ކަންކަމާއި ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށްވެސް ޖުނައިދު ވަނީ ޖަވާބު ދެއްވައިފައެވެ.
ޖުނައިދު ވިދާޅުވީ އިންދިގޯ ފިހާރަ ލިބިވަޑައިގެންފައިވަނީ ފިނޭންސް މިނިސްޓްރީން ހުޅުވައިލި ބީލަމެއް ކާމިޔާބު ކުރައްވައިގެން ކަމަށާއި ކުލި ޤަވާއިދުން ދައްކަވަމުން ގެންދަވާ ކަމަށެވެ.
މެރީޑިއަމް މައްސަލާގައި ދަށު ކޯޓުން ކުރި އަމުރު އެމްޕީއެލް އިން ހައިކޯޓުގައި އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ