އަބްދުﷲ ގާޒީ ކިނބިއްސެއް އެޅުއްވިއްޔާ އެވާހަކަވެސް ސިފައިން ވަނީ ނޯޓު ކޮށްފައި

2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ގިރިފުށީގައި ބަހައްޓާފައި ހުރި އިރު އެމަނިކުފާނަށް ވަރަށް ބޮޑަށް ސިފައިން ފާރަލާފައި ވާކަމަށާއި އެމަނިކުފާނަށް އެއްވެސް މިނިވަން ކަމެއް ދީފައި ނުވާކަމަށް ދައުލަތުން ބުނެފިއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ރޭގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި ކަމާއި، ގާޒީ ހައްޔަރު ކުރިކަން ސާބިތުކޮށް ދިނުމަށް ގިނަ ހެކިތަކެއް ހުށަހަޅުއްވާފައެވެ.
އެގޮތުން ގާޒީ ހައްޔަރު ކުރެވުނު ލޮގް ގައި އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި އިރު އެމަނިކުފަނުގެ ހުރިހާ ހަރަކާތަކަށް ސިފައިން ފާރަވެރިވަމުން ދިޔަކަން އެނގޭ ކަމަށް ދައުލަތުން ބުނެއެވެ.
އެގޮތުން އެއް ދުވަހަކު ގާޒީ ނަމާދަށް ދަމުން މަގުމަތީގައި ހުރި ހުވަނދުމާ ގަހަކުން، 3 ހުވަނދުމާ ބިނދެލެއްވި ވާހަކައާއި، އެއަށްފަހު ކިނބިއްސެއް އެޅުއްވި ކަމަށްވެސް ލޮގް ގައި ލިޔުއްވާފައި ވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. މީގެ އިތުރުން ގަހެއްގެ ބުޑުގައި އަޅައިގެން ވާހަކަވެސް ލޮގް ގައި ލިޔެފައި ވާކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއި އެކު، ގާޒީއަށް ދެއްވާ ފެންފުޅިން ގަޑި އަކު ފެން ބެއްލެވި މިންވަރާއި މިފަދަ ހުރިހާ ކަމެއްވެސް ލޮގް ގައި ލިޔެވިފައި ވާކަން ދައުލަތުން ވަނީ ފާހަގަ ކުރައްވާފައެވެ.
ދައުލަތުން ވިދާޅުވީ ގިރިފުށީގައި ބަހައްޓާފައި ހުރި ދުވަސްތަކުގައި ގާޒީއަށް އެއްވެސް ވަރެއްގެ މިނިވަންކަމެއް ސިފައިން ދީފައި ނުވާކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އާއިލާއަށްވެސް އަމިއްލަފުޅަށް ގުޅުއްވުމުގެ ފުރުސަތު ނުލިބޭކަމަށްވެސް ދައުލަތުން ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.
ދައުލަތުން ހުށަހެޅުއްވި ހެކިންވެސް ވަނީ ގާޒީ އާއިލާއަށް ގުޅުއްވަނީ އެބޭފުޅުން ގާތު ވިދާޅުވެގެން ކަމަށެވެ. އަދި އަމިއްލަފުޅަށް އާއިލާއަށް ގުޅުއްވުމުގެ ފުރުސަރު ނޯންނަ ކަމަށްވެސް ހެކިން ވަނީ ޝަރީއަތުގައި ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ