ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ކަމަށް ވިދާޅުވެ އެމްއެންޑީއެފްގެ ކާނަލަކު ހެކި ބަސް ދެއްވައިފިއެވެ.
ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ސިފައިންގެ ކާނަލް އެއްގެ ގޮތުގައި ހުރެ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރުމަށް އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ ނިންމެވުމުން، ގާޒީ ހައްޔަރު ކުރުމަށް ހިނގި އޮޕަރޭޝަނުގައި ބައިވެރިވެ، ގާޒީ ގިރިފުށީގައި ގަދަކަމުން ބެހެއްޓި ކަމުގެ ދައުވާއެވެ.
ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރު ކުރައްވާފައި ވާއިރު، މިއަދު ބާއްވާފައި ވަނީ މި މައްސަލައިގެ ފަސް ވަނަ އަޑުއެހުމެވެ.
މިއަދުގެ ޝަރީޢަތުގައި ހެކިބަސް ދެއްވި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހިމް ވިދާޅުވީ ގާޒީ ހައްޔަރު ކުރުމަށް އަމުރުކުރީ ދީދީ ކަމަށްވުމުން އެކަމުގެ ޒިންމާވެސް ނަގަން ޖެހޭނީ ދީދީ ކަމަށެވެ.
އެގޮތުން ގާޒީ ހައްޔަރު ކުރުމުގެ ކުރިން ސިފައިންގެ އޮޕަރޭޝަންސް ރޫމް (އޮޕްސް ރޫމް) އަށް ދިއުމަށް ޒިޔާދު އެންގެވި ކަމަށާއި، އޮޕްސް ރޫމަށް ދިޔަ އިރު އެތަނުގައި ޒިޔާދުގެ އިތުރުން ދީދީވެސް އިންނެވި ކަމަށް ނަސްރުﷲ ވަނީ ހެކިބަސް ދެއްވާފައެވެ. އަދި އެދުވަހު އަބްދުﷲ ގާޒީ ސިފައިން ގެއަށް ހާޒިރުކޮށްދިނުމަށް ދީދީ އާއި ޒިޔާދު އެދިވަޑައިގެން ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
ނަސްރުﷲ ވިދާޅުވީ ސިފައިން ގެއަށް ހާޒިރުކޮށްދިނުމަށް އަމުރު ކުރެއްވި ނަމަވެސް، ގަދަކަމުން ހާޒިރު ކުރަން އަމުރު ކުރައްވާފައި ނުވާކަމަށެވެެ.
އަބްދުﷲ ގާޒީ ހާޒިރުކޮށް ދިނުމަށް އެދުމުން އެއީ ކޮން ބޭފުޅެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ކަމަށާއި، އެވަގުތު އެއީ ކޮން ބޭފުޅެއްކަން ދެއްކުމަށް ފުލުހުންވެސް އެޓޭޗްކޮށްފައި ވާނެ ކަމަށް ޒިޔާދު ވިދާޅުވި ކަމަށް ނަސްރުﷲ ވިދާޅުވިއެވެ. އަދި ޖަސްޓިސް ބިލްޑިންގ އަށް ދިޔައިރު ގާޒީ ކޯޓުގައި ނެތުމުން ގާޒީ މިހާރު ގެއަށް ވަޑައިގެންފި ކަމަށްވެސް ޒިޔާދު ވިދާޅުވި ކަމަށް ނަސްރުﷲ ވަނީ ޝަރީޢަތުގައި ވިދާޅުވެފައެވެ.
އަދި ފަހުން 3 ނަމްބަރު ފާލަމަށް ގާޒީ ގެނައުމަށްވެސް އެންގީ ޒިޔާދު ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
އެހެން ނަމަވެސް ދީދީގެ ފަރާތުން ޒިޔާދުވެސް އަމުރު މައުރޫފް ހިންގަވާނެ ކަމަށް ދީދީ ނަސްރުﷲ ގާތު ވިދާޅުވި ކަމަށާއި، ޒިޔާދު ކުރެއްވި ހުރިހާ އަމުރެއްވެސް ދީދީ ގާތުން ވެރިފައި ކުރައްވާފައި ވާނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
"އެއްވެސް އަަމުރަކީ ދީދީ ކުރެއްވި އަމުރެއް ނޫން ކަމަށް ދީދީ ވިދާޅެއް ނުވެ"، ނަސްރުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން ޒިޔާދު ނޫން އެހެން ފަރާތަކުން އަމުރު ހިންގާނެ ކަމަށް ދީދީ ވިދާޅުނުވާކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.
ނަސްރުﷲގެ އިތުރުން މިއަދު ހެކިބަސް ދެއްވާފައި ވަނީ ކެޕްޓަން އިބްރާހީމް ނަސީމާއި ކެޕްޓަން އަބްދުލް މަޖީދު އިބްރާހީމާއި މެޑިކަލް އޮފިސަރު ޑރ. އަލީ ޝާހިދު މުހައްމަދާއި ސައިކޮލޮޖިސްޓު އާއިޝަތު ޒީނާގެ އިތުރުން ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދެވެ.
އެގޮތުން އެމްއެންޑީއެފްގެ ޤާނޫނީ ލަފާ ދެއްވުމަށް މަސައްކަތް ކުރައްވާ ކެޕްޓަން ނަސީމާއި، އިންސްޕެކްޓަރ މަޖީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރިރޭ އޮޕްސް ރޫމަށް އެ ދެ ބޭފުޅުން ވަޑައިގެންނެވުމުން ފުލުސް އޮފީހުން ފޮނުވާ ސިޓީއަށް ޖަވާބު ތައްޔާރުކޮށްދިނުމަށް ޒިޔާދު އެންގެވި ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީ ލިބިފައިނުވާ ކަމަށް އެ ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ.
ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ދީދީ - ހެކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ