މެމްބަރު ނާޒިމްގެ އިސްތިއުނާފުގެ ހުރިހާ އަޑުއެހުމެއް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ އިސްތިއުނާފު ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް ނިންމާލައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުން އިއުލާން ކުރި ހަތަރު ޕްރޮޖެކްޓެއް މަކަރާ ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ.
މި ހަތަރު ދައުވާގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް އެންމެ އަޑު އެހުމަކަށްފަހު އެ ހަތަރު މައްސަލައަކީ ވެސް އެއް ބާވަތެއްގެ ކަމަކާ ގުޅިގެން ދައުވާ ކުރާ މައްސަލައަކަށް ވާތީ އެ ހުރިހާ މައްސަލަތަކުގައި ވެސް ދައްކަން ހުރީ އެއް ވާހަކަތަކެއް ކަމަށް ދެ ފަރާތުން ވެސް ބުނުމުން ފަނޑިޔާރުން ވަނީ ބާކީ އޮތް ތިން މައްސަލައިގެ އަޑުއެހުންތައް ވެސް ނިމުނީ ކަމަށް އިއުލާން ކުރައްވާފައެވެ.
ދެން މި މައްސަލައިގައި އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ދެން ޝަރީޢަތް އޮންނާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.
ރައީސް މައުމޫން ސަރުކާރުން އިއުލާން ކުރި ހަތަރު ޕްރޮޖެކްޓެއް މަކަރާ ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް ފުރަތަމަ އުފުލީ ކްރިމިނަލް ކޯޓުގައެވެ.
ނަމަވެސް އެމައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް މައްސަލަ ނިންމީ ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްވެސް ދައުވާއެއް ސާބިތު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ